ޑިސެމްބަރ 8, 2025

ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ  

ސާވިސް ޗާޖުގެ ގޮތުގައި ރިސޯޓުތަކުން މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ފައިސާދިނުން ހުއްޓުވައި، ސާވިސް ޗާޖު ނެގި ބޭރު ފައިސާއަކުން، އެ ފައިސާ މުވައްޒަފުންނަށް ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެ ބިލު މަޖިލީހަށް ހުށަހަޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ.

މައުރޫފް ޒާކިރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގައި ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖު ނެގުމަށްފަހު މުވައްޒަފުންގެ މެދުގައި ބަހަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެގޮތަށް ނަގާ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ބަހާތީ އޭގެ މަންފާ މުވައްޒަފުންނަށް ލިބުމަށް ހުރަސް އެޅޭ ކަމަށެވެ. އެހެންކަމުން އެ ބިލަކީ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ހައްގު ފުރިހަމައަށް ލިބިދިނުމަށް ހުށަހަޅާ ބިލެއް ކަމަށް ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާއަށް ގެންނަން ހުށަހަޅާ އިސްލާހަކީ، ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ދިވެހި ރުފިޔާއަށް އެ ފައިސާ މާރުކޮށްގެން ނުވާނެ ކަމަށް ކަނޑައެޅުމެވެ. އެ އިސްލާހު ގެނެސްފިނަމަ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުންނެވެ.

އޭގެ އިތުރުން ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ހޮޓެލްތަކުގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދޭންޖެހޭ ގޮތަށް ހަމަޖެއްސުމަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ.

އެ ބިލުގައިވާ ގޮތުން ޓޫރިސްޓް ފެސިލިޓީގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތުގައި ބައިވެރިވާ މުވައްޒަފުން ކުރަނީ ޓޫރިސްޓުންނަށް ސީދާ ގޮތެއްގައި ހިދުމަތެއް ދިނުމުގެ މަސައްކަތެއް ނަމަ، އެ މުވައްޒަފަށް ވެސް ސާވިސް ޗާޖު ދޭންޖެހޭނެއެވެ.