ޑިސެމްބަރ 9, 2025

އަޅުގަނޑަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ މީހެއް ނޫން: ގަޕޯ

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް އިންތިހާބުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާއީލް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ފައްޔާޒް އިސްތިއުފާދެއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ގެންގުޅުއްވާތީ، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތައް ދެއްވުމުގެ ގޮތުންނެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ގަޕޯ އިންތިހާބުކޮށްފައިވަނީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެ މަގާމަށް މިރޭ ވާދަކުރައްވާފައިވަނީ ވެސް ހަމައެކަނި ގަޕޯއެވެ. ގަޕޯ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުށަހެޅި ނަމެކެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމަށް ގަޕޯ އިންތިހާބުކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 ވޯޓާއެކުއެވެ. ގަޕޯ އިންތިހާބުވި އިރު، އޭނާއަށް ވަނީ ފައްޔާޒްގެ ތާއީދު ވެސް ލިބިވަޑައިގެންފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ވާހަކަދައްކަވަމުން ގަޕޯ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާއި އުސޫލާއި ހަމައިގެ ތެރެއިން ނޫންގޮތެއްގައި އެއްވެސްކަމެއް ނުކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އޭނާއަކީ ވަކި މީހަކަށް ވަކިގޮތެއް ހަދަން، ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކުރާނެ މީހެއް ނޫން ކަމަށާއި އެ ޔަގީންކަން ހުރިހާ މެންބަރުންނަށް އަރުވާ ކަމަށް ގަޕޯ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ އިންތިހާބު ބޭއްވުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ، ވަކި ހިސާބަކުން ބައްދަލުވުން މެދުކަނޑާލިއެވެ.

އެ ބައްދަލުވުން މެދުކަނޑާލި އިރު، ފުރަތަމަ ވޯޓަށް އެހި ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު މަގާމަށް އިންތިހާބުވި ކަމަށް އެމްޑީޕީން ފަހުން އިއުލާންކުރިއެވެ. ނަމަވެސް ވަހީދު ނިންމީ މަގާމުން އިސްތިއުފާދިނުމަށެވެ.