ޑިސެމްބަރ 10, 2025

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީބު އައްޔަންކުރައްވައިފި 

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ރައީސް އޮފީހުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީބު އައްޔަންކުރައްވައިފިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ނަސްރީން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެއް އަހަރާއި ހަފުތާއެއް ވަންދެން ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހޭދަކުރެއްވުމަށްފަހު، ނަސްރީން މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 29 ގައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ބުނީ ޕީއެސްއެމްގެ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ދަފްތަރު ނަންބަރު ރސ 6886، އަހްމަދު ޝަކީބު އައްޔަންކޮށްފައިވާ ކަމަށެވެ.

ޝަކީބަކީ މި ސަރުކާރުގައި ޕީއެސްއެމްގެ ހަތަރުވަނަ މެނޭޖިން ޑިރެކްޓަރެވެ. މީގެ ކުރިން އެ މަގާމުތައް ފުރުއްވީ ނަސްރީންގެ އިތުރުން ޒީނާ ޒާހިރާއި މުހައްމަދު ސައީދެވެ. އެ ހުރިހާ ބޭފުޅުން ވެސް ވަނީ އިސްތިއުފާދެއްވައިފައެވެ.

ޝަކީބަކީ މީޑިއާ އަދި ތައުލީމީ ދާއިރާގައި ވެސް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އާއި ނޭޝަނަލް އިސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވި ޝަކީބު ތައުލީމީ ދާއިރާއިން ރިޓަޔާކުރެއްވީ މިދިޔަ އަހަރުއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޓީވީ ޕްރޮގްރާމުތައް ހުށަހަޅުއްވަމުންގެންދަވާ ޝަކީބު މީޑިއާއިން އެންމެ ފަހުން ފެނިގެންދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގައެވެ. ރައީސް އޮފީހުން ކުރިއަށްގެންދާ އެ ޕޮޑްކާސްޓު ހުށަހަޅުއްވައިދެއްވަނީ ޝަކީބެވެ.