މިދިޔަ އަހަރު ފަހުކޮޅު ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދައި ހުލުވި ހާދިސާއާ ގުޅިގެން ޗައިނާ އިން 2.8 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދީފި އެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެހީ ހަވާލުކުރިކަމުގެ ލިޔުމުގައި ވަނީ ސޮއިކޮށްފަ އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ލިޔުމުގައި ސޮއިކުރެއްވީ ޗައިނާ ސަފީރު ކޮންގް ޝިންހުއާ އެވެ. ރާއްޖޭގެ ފަރާތުން އެހީއާ ހަވާލުވިކަމަށް ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރި 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ޕެކޭޖުގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނޭ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
ޗައިނާއަށް ޝުކުރު އަދާކުރައްވަމުން ޒަމީރު ވިދާޅުވީ މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި ޗައިނާ އިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި އަމަލީ އެހީތެރިކަމެއް ނޫން ކަމަށާއި އެއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ޒަމީރު އިތުރަށް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އުމްރާނީ ތަރައްގީއާއި ތަރައްގީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ޗައިނާ ސަރުކާރުން ދެމުންގެންދާ އެއްބާރުލުންވެސް ފާހަގަކުރައްވައިފަ އެވެ.




ގުޅުންހުރި
ޖުމުލަ ހަރަދު 34.1 ބިލިއަނަށް، ބަޖެޓު ޑެފިސިޓް ބިލިއަނަކާ ގާތަށް
މަޝްރޫއުތައް ހަވާލުކުރީ ޖުމްލަ 2.71 ބިލިއަން ރުފިޔާއަށް، ބޯހިޔާވަހިކަމަށް ބިލިއަނެއް
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
ޕެންޝަން އޮފީހުން ސަރުކާރަށް 2 ބިލިއަން ދިނުން: ބޯޑުން ޝަރުވަޝް އިސްތިއުފާ
އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި، 2028 އަށް ނިންމަނީ
ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ: ރައީސް