ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުސަތު ހަމަޖައްސައި ދީފި އެވެ.
ސްޓެލްކޯ އިން ބުނީ، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ، ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ މީހުންނަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަގީންކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހަމަޖައްސައިދިން ވަޒީފާގެ ފުރުސަތުތަކެއް ކަމަށެވެ.
ސްޓެލްކޯއިން ވަޒީފާގެ ފުރުސަތު ހަމަޖައްސައި ދިން 30 މުވައްޒަފުންނަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު، ޑރ. އާއިޝަތު ޝިހާމް އާއި ސްޓެލްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ އާއިލާއާއި ގައުމަށް އެކަމުގައި އެތައް ގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ވަޒީފާގެ މާހައުލަށް ނެރުމަކީ ސިއްހީ ގޮތުންނާއި ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، ވާޒީފާގެ މާހައުލުގައި އާ ރައްޓެހިން ލިބުމަކީ ނަފުސާނީ ގޮތުން ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މީހުންގެ ތައުރީފާއި ހެޔޮބަސްތަކުގެ ސަބަބުން އަމިއްލަ ނަފުސަށް ކުރާ އިތުބާރު، އިތުރުވެގެންދާނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު ވިދާޅުވީ، ސްޓެލްކޯއަކީ މިފަދަ ކަންކަމުގައި އަބަދުވެސް އިސްނަގައިގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.
”މިހާރުވެސް، ތަފާތު އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ 50 އަށްވުރެ ގިނަ މުވައްޒަފުން މި ކުންފުނީގައި ދަނީ މަސައްކަތް ކުރަމުން. މި ފަރާތްތައް ހަވާސާ ނުކޮށް، މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ފެންނަމުންދާ ކަމީ، ހަމަގައިމުވެސް އަޅުގަނޑުމެން އެންމެން އުފާކުރާ ކަމެއް. މިއަދު މި ކުންފުންޏާ މި ގުޅޭ 30 މުވައްޒަފުންނާއެކު، ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި މުވައްޒަފުންގެ ޖުމުލަ އަދަދު 80 އަށް އަރާނެ. މިއީ ހަމަގައިމުވެސް ފާހަގަކޮށްލެވޭނެ ބޮޑު ކުރިއެރުމެއް.“ ޝަމާހު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިއަދު ވަޒީފާ ހަވާލުކުރެވުނު މުވައްޒަފުންގެ ފަރާތުން މުޖުތަމައުއަށް ފައިދާތަކެއް ލިބި، އެ ފަރާތްތަކުގެ ގާބިލުކަމާއި ހުނަރުތައް އިތުރަށް ތަރައްގީކޮށް، ގައުމީ ތަރައްގީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެން ގޮސްފައިވާ ކަމަށެވެ. އަދި ވަޒީފާގެ މާހައުލަކީ އެ މުވައްޒަފުންގެ އަމިއްލަ އިތުބާރު އާލާކޮށް، މުޖުތަމައުގައި އެ މީހުންގެ ދައުރު ފުޅާކުރުމަށް ލިބިގެންދިޔަ މުހިއްމު މަންސައެއް ކަމަށްވެސް ވިދާޅުވި އެވެ.
ސްޓެލްކޯ އިން ބުނީ، އެ ކުންފުންޏާ އަލަށް ގުޅުނު 30 މުވައްޒަފުން ހޮވާފައިވަނީ އެ ކުންފުނިން ޔޫޓިލިޓީ ހިދުމަތް ދެމުންދާ ރަށްތަކުގެ ތެރެއިން 21 ރަށެއް ހިމެނޭ ގޮތަށް ކަމަށެވެ.




ގުޅުންހުރި
ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފަށައިފި
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
ކަރަންޓުގެ ދާއިރާއިން ކުރިއަށްދާން 116 އަންހެނަކަށް ހިތްވަރުދީ، ހިތްޖައްސުވައިފި