ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ބަންދުން ދޫކޮށްލައިފިއެވެ.
އެ މައްސަލައިގައި 11 މީހަކު ހައްޔަރުކޮށްފައިވާ އިރު، ދެ ވިޔަފާރިވެރިން ކަމަށްވާ ދިގަލި އާއި އާއްޓޭއަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ދެ މީހެކެވެ.
އެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި މިމަހުގެ ތިންވަނަ ދުވަހު ދިވެހި ފުލުހުން ހުށަހަޅާފައިވާ ކަމަށާއި ދައުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ އޮފީހުން ކުރަމުންގެންދާ ކަމަށެވެ. އަދި ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ އަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދައުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިއާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު އެ އޮފީހުން މިއަދު ވާނީ މުރާޖައާކޮށްފައި ކަމަށް ޕީޖީން ބުންޏެވެ.
އެގޮތުން އެ ކުށުގެ އަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދާއި، މއ. އެވާގްލޯރީ، އަހުމަދު އާރިފް އަދި ކޮންޓެއިނަރު ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހުމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެދުނުގޮތަށް އެ މީހުންގެ ބަންދާ މެދު ކޯޓުން ގޮތް ނިންމަވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ ދިހަލި އާއި އާއްޓޭ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެ ކުށް ކުރުމަށް ރޭވުންކަމަށްވާ އިރު، އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ހަސަން އަބްދުއްރަހުމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީން ބުންޏެވެ.
ކ. މާލެ، ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފަކީ އެ މައްސަލަ އެ އޮފީހަށް ހުށަހެޅުނު އިރު، ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖައާކުރަންޖެހޭ ހާލަތެއް ނެތް ކަމަށް ޕީޖީން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި މިހާރު ބަންދުގައި ތިބީ ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއީލާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަހީމާއި، ހ. ރުމޭނިޔާ، އަހުމަދު ފިރުސާނާއި، ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދާއި، ބަނގުލަދޭޝް، މުހައްމަދު އަލަމިން މިއާ އަދި ހ. ނިއުހެޕިނަސް، މުއާޒް އަލީ ކަމަށެވެ.
އެ މީހުންގެ ބަންދު މުރާޖައާކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ހާލަތެއް ނެތްކަމަށް ނިންމާފައިވާނެ ކަމަށާއި ސަބަބަކީ، އެމީހުންނަކީ އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެ ތިބެ އެ ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީ ކަމަށް ޕީޖީން ބުންޏެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ އެ މައްސަލައިގައި ދައުވާކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ އިރު، މިހާރު ބަންދުގައި ތިބި މީހުންގެ ބަންދާ މެދު ތަފާތު ގޮތަކަށް ނިންމަންޖެހޭކަމަށްވާ ނަމަ، އެ މީހުންގެ ބަންދު އެ އޮފީހުން މުރާޖައާކުރާނެ ކަމަށެވެ.




ގުޅުންހުރި
ސިނގިރޭޓު ވައްކަން: 11 މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި
ދަރިވަރެއްގެ ކަރުގައި ހިފައި، ހަމަލާދިން ޓީޗަރެއްގެ މައްސަލަ ފުލުހަށް
64 އަހަރުގެ މީހަކަށް ޒުވާން ލޯބިވެރިޔާ ހަމަލާދީ ޒަހަމްކޮށްލައިފި
ވިލިމާލެ ޕޮލިހުން ސިނގިރޭޓު ކާޓޫންތައް ގެއްލުނު މައްސަލައިގައި ފުލުހަކު ހައްޔަރުކޮށްފި
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް