ޑިސެމްބަރ 13, 2025

ކަންތައްތަކެއް ނުކޮށްދެވުނު ނަމަ ދެވަނަ ދައުރަކަށް ވޯޓު ހޯދާކަށް ނާންނާނަން: މޭޔަރު އާޒިމް

މި ދޮޅު އަހަރު ތެރޭ ކަންތައްތަކެއް ނުކޮށްދެވުނު ނަމަ ދެވަނަ ދައުރަކަށް ވޯޓު ހޯދާކަށް ނާންނާނަން: އާޒިމް

ރައްޔިތުންގެ ކައިރިއަށް ވޯޓު ހޯދަން އަންނަންޖެހޭނީ އިތުބާރު ހޯދައިގެން ކަމަށާއި އެގޮތުން މާލޭ ރައްޔިތުން ކައިރިއަށް ދެވަނަ ދައުރަކަށް ވޯޓު ހޯދަން ނުކުމެ މިހުރީ ދޮޅު އަހަރު ތެރޭ ކަންތައްތަކެއް ކޮށްދީފައި ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

”ދެންވެސް އާދަމް އާޒިމް“ގެ ނަމުގައި ވިލިމާލޭގައި ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވީ މާއަވަހަށް ކަންތައް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ކަންތައްތައް ކޮށްދޭން ވާނީ އިންތިހާބާ ކައިރިކޮށްފައި ކަމަށް ބައެއް ސިޔާސީ ބޭފުޅުން ބުނާ ކަމަށެވެ. އަދި ރަށްރަށަށް ދިއުމުން މާ އަވަހަށް މަސައްކަތް ކުރާތީ ކަމަކު ނުދާނެ ވާހަކަވެސް ބުނެފައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

އާދަމް އާޒިމް ވިދާޅުވީ, މަގާމުތަކަށް އިންތިހާބު ވަނީ ވޯޓު ހޯދަން މަސައްކަތްތަކެއް ކޮށްދޭން ނޫން ކަމަށާއި ރައްޔިތުންގެ ހުރި މައްސަލަތައް ބަލައިގަނެ, އެ މީހުންނަށް އިހުލާސްތެރި މަސައްކަތެއް ކޮށްދޭން ކަމަށެވެ.

”ވޯޓާ ޖެހުނީމައެއް ނޫން އަންނަންޖެހޭނީކީ. ވޯޓާ ޖެހުނީމައެއް ނޫން މަސައްކަތް ކޮށްދޭންޖެހޭނީކީ އެއް,“ އާދަމް އާޒިމް ވިދާޅުވި އެވެ.

”އަޅުގަނޑު މި ބުނަނީ އަޅުގަނޑު ދެވަނަ ދައުރަކަށް އިންތިހާބުވާން އަންނާނީ އަބަދުވެސް ކަމެއް ކޮށްދީފައޭ. ހުސްއަތަކާ ނާންނާނަމޭ. މާލެ ސިޓީ ރައްޔިތުން ކައިރިއަށް, ހުޅުމާލެ ރައްޔިތުން ކައިރިއަށް, ވިލިމާލެ ރައްޔިތުން ކައިރިއަށް އެެންމެ ދޮޅު އަހަރު ތެރޭގައި އަޅުގަނޑުމެން މި އަންނަނީ ކަންތައްތައް ކޮށްދީފައި. އިތުބާރު ހޯދައިގެން އަޅުގަނޑުމެން އަންނަންޖެހޭނީ. ކަމެއް ނުކޮށްދީ އައިސްގެން ނުވާނެ. އަޅުގަނޑު މިތަނަކަށް އައިސް ނުހުރީމުސް މިއަދު އަޅުގަނޑަށް ކަންތައްތައް ނުކޮށްދެވުނު ނަމައެއް. އުޒުރު ދައްކާ މީހުން އުޅޭނަމަ ވަރަށް. އެ ސަރުކާރޭ މި ސަރުކާރޭ, އަޅުގަނޑު އުޒުރު ދައްކާކަށް ނެތިން,“

އޭނާ ވިދާޅުވީ, މޭޔަރު ކަމަށް ކުރިމަތިލީ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު އެންމެންނާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ވިސްނުންތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރައްވާނެ ކަމަށެވެ.