ޑިސެމްބަރ 13, 2025

ދުވާފަރު ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް 

ރ. ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ދުވާފަރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީއާ އެ މަޝްރޫއު ހަވާލުކުރުމަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޑިޒައިން ބިލްޑް އުސޫލުން ދުވާފަރުގެ ހިއްކި ސަރަޙައްދުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ. އެމްޑަބްލިޔުއެސްސީއާ އެ މަޝްރޫއު ހަވާލުކުރީ 70.8 މިލިއަން ރުފިޔާގެ އަގަކަށެވެ.

އެ މަޝްރޫޢުގެ ދަށުން ދުވާފަރުގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރެވިފައިނުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި، ގޭގޭގައި ނަރުދަމާ ޖަންކްޝަނާއި ފެން މީޓަރު ބަހައްޓައި، ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ސީއައުޓްފޯލްއެއް އެޅުމާއި އަދި މިހާރު ދުވާފަރުގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރާ ދެ ތަންގީ ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މަޝްރޫއުގެ މަސައްކަތްތައް ނިމުމުން ދުވާފަރުގައި އަލަށް ހިއްކާ ސަރަހައްދުގައި ރައްކާތެރި ސާފު ބޯފެނާއި، ނަރުދަމާގެ ހިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.