ޑިސެމްބަރ 14, 2025

ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް 

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމަށާއި ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިފްކޯއަށް މަސް ގަތުމަށް ގޮވާލައި ކަނޑުމަތީގައި ބޮޑުކަންނެލީގެ މަސްވެރިން ވަނީ ދާދި ފަހުން އިހުތިޖާޖެއް ކޮށްފައެވެ. އެ އިހުތިޖާޖާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށް، އިހުތިޖާޖުގައި ބައިވެރިވި ބައެއް ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިފްކޯއިން ބޮޑުކަންނެލި ގަތުމަށްޓަކައި މަޝްވަރާތައް ބާއްވައި، އެކަމަށް ތައްޔާރުތައްވުމުންދާ ކަމަށާއި އެ ސިނާއަތަށް ވެވަޑައިގެންނެވި ވައުދުތައް ދާދި އަވަހަށް ފުއްދިގެންދާނެ ކަމަށެވެ.

ގައުމީ ވިސްނުމާ ދެކޮޅު ސިޔާސީ އޮއިވަރު ވެއްދުމަށް ކުރާ މަސައްކަތްތަކަށް ޖާގަ ނުދިނުމަކީ އެންމެ ރަނގަޅު ގޮތަށް ކަމަށާއި އެކަމުން މަސްވެރިކަމުގެ ސިނާއަތަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ ވަރަށް ދެފުށް ފެންނަ ގޮތަށް ކަމަށާއި ސަރުކާރުން ކުރާ ކަންކަން ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ. އަދި މަސްވެރިކަން ކުރިއެރުން ފިޔަވައި އެހެން އެއްވެސް ސިޔާސަތެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ބޮޑުކަންނެލި ގަންނަން ފެށުމުން، ޕްރައިވެޓް ސެކްޓާއިން މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށާއި އެހެންކަމުން ބޮޑުކަންނެލީގެ މަސްވެރިންގެ އެއްބާރުލުން ވެސް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.