ޑިސެމްބަރ 15, 2025

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ

ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެއެވެ.

މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން، ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން އިންތިޒާމުކޮށްގެން ދުވާފަރުގައި ކުރިއަށްގެންދިޔަ ”އެމްޑަބްލިޔުއެސްސީ މަސް ރޭސް“ ގެ ޓައިޓަލް ސްޕޮންސަރުގެ އިތުރުން ”މަސްވެރި ހަވީރު“ ކުޑަކުދިންގެ ފެސްޓިވަލްގައި ވެސް އެމްޑަބްލިޔުއެސްސީން ވަނީ ބައިވެރިވެ، ސްޓޯލް ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ބައިވެރިވި އެ ހަރަކާތްތަކާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީން ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ އެ ހަރަކާތްތަކަކީ، ’މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ޒުވާނުންގެ ބައިވެރިވުން‘ އިތުރުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

”އެމްޑަބްލިޔުއެސްސީ މަސް ރޭސް“ އަދި ”މަސްވެރި ހަވީރު“ ގެ އިތުރުން، މަސްވެރިންނަށް އަމާޒުކޮށް އެމްޑަބްލިޔުއެސްސީން ވަނީ ދުވާފަރުގައި ދޮރުން ދޮރަށް ދާ ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެ ކެމްޕޭނުގެ މަގުސަދަކީ، އެމްޑަބްލިޔުއެސްސީން ދުވާފަރުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން، އެ ރަށުގައި އުފައްދާ އައިސް އަދި ތާޒާ ފެނާ މެދު ރައްޔިތުން ދެކޭ ގޮތާއި ހިޔާލުތައް ދެނެގަނެ، އެ ހިދުމަތްތަކަށް ރައްޔިތުން އަހުލުވެރިކުރުވުން ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެގޮތުން ދުވާފަރާއި ކައިރި އަތޮޅުތަކަށް އަމާޒުކޮށް ވައިބާ ކޮމިއުނިޓީ ގްރޫޕެއް ވަނީ ތައާރަފުކޮށްފައި ކަމަށާއި އެ ގްރޫޕް މެދުވެރިކޮށް އެމްޑަބްލިޔުއެސްސީން ދުވާފަރާއި އަތޮޅުތެރޭގައި ދެމުންގެންދާ ހިދުމަތްތަކުގެ އިތުރު މައުލޫމާތާއި ކުރިއަށްގެންދެވޭ ޕްރޮމޯޝަންތަކުގެ ތަފްސީލުތައް ހިއްސާކުރެވޭނެ ކަމަށެވެ. އެ ހަރަކާތްތަކުން ދުވާފަރާއި ކައިރި ރަށްރަށާއި އަތޮޅުތަކުގެ މަސްވެރިން އަދި ވިޔަފާރިވެރިންނަށް އެމްޑަބްލިޔުއެސްސީގެ އައިސް އަދި ތާޒާ ފެން ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތުތައް މަގުފަހިވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ދުވާފަރަކީ އެމްޑަބްލިޔުއެސްސީގެ އިންޓަގްރޭޓަޑް ޔުޓިލިޓީގެ ދަށުން، ފެނާއި ނަރުދަމާ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ކަރަންޓުގެ ހިދުމަތާއި ކުނި މެނޭޖުކުރުމުގެ ހިދުމަތްވެސް އެމްޑަބްލިޔުއެސްސީގެ ބެލުމުގެ ދަށުން ފޯރުކޮށްދެމުންގެންދާ ރަށެކެވެ. އޭގެ އިތުރުން އެ ރަށުގައި އެމްޑަބްލިޔުއެސްސީގެ ތާޒާ ފެނާއި އައިސް އުފައްދާ ކާރުހާނާއެއްވެސް ހުރެއެވެ.