ޑިސެމްބަރ 15, 2025

ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!

ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް އިތުރަށް ހުރިކަން ފާހަގަކުރެވިގެން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭ އިން ބުނީ ތައިލެންޑުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން ކުރި ތަހުލީލުތަކުން ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ހުރި ކަމަށް ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އަންގާފައިވާ ކަމަށެވެ.

އެގޮތުން މެޓްފޯމިން ހައިޑްރޯކްލޮރައިޑް 750 މިލިގްރާމް އާއި ރެނިޓިޑިން 150 މިލިގްރާމް އަދި ވިޓަމިން އޭ–ރެޓިނޯލް 60 މިލިގްރާމްގެ ބޭހުގެ ބެޗުތަކުގައި އެ މައްސަލަ ޖެހިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ، މައްސަލަ ދިމާވެފައިވާ ބްރޭންޑްތަކުގެ ބޭސް ރާއްޖެއަށް އެތެރެކޮށްފައި ނުވާ ކަމަށާއި ނަމަވެސް ތައިލެންޑަކީ ދިވެހީން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވުމުން ތައިލެންޑުން ބޭސް ގަތުމުގައި އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

އެ ބޭސްތަކުގެ ތެރެއިން ބައެއް ބޭސްތަކަކީ ސީދާ ހަކުރު ބަލީގެ މީހުން ބޭނުންކުރާ ބޭސްތަކެކެވެ.