ޑިސެމްބަރ 16, 2025

ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި 

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން މިރޭ ބުނީ 11 މީހަކަށް ދައުވާކުރުމަށް މިމަހުގެ ތިންވަނަ ދުވަހު ފުލުހުން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ދިހަ މީހަކަށް ދައުވާކުރުމަށް މިއަދު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެ މައްސަލައިގައި ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދާއި، މއ. އެވާގްލޯރީ، އަހުމަދު އާރިފާއި، ހ. ނިއުހެޕިނަސް، މުއާޒު އަލީގެ މައްޗަށް ކުރަނީ ދެ ދައުވާއެކެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން ނުވަތަ ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން ނުވަތަ ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއީލާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމް އަދި ހ. ރުމޭނިޔާ، އަހުމަދު ފިރުސާންގެ މައްޗަށް ވެސް ދެ ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން ނުވަތަ ވައްކަންކުރުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން ނުވަތަ ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހާއި ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހުދުގެ މައްޗަށް އެއް ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން ނުވަތަ ވައްކަންކުރުމުގެ ކުށުގެ ދައުވާއެވެ.

ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހުމާން އަދި ބަންގުލަދޭޝް، މުހައްމަދު އަލަމިން މިއާގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން ނުވަތަ ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާ ކަމަށް ނުފެންނާތީ އޭނާގެ ބައި ފުލުހުންނަށް އަނބުރާ ފޮނުވާލާފައިވާނެ ކަމަށެވެ.

އެ މައްސަލައިގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ މީހުން، އެ ކުށުގެ އަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށެވެ. އަދި އެ ދައުވާތައް ސާބިތުވާ ހާލަތުގައި، ކުށުގެ އަމަލުގެ ޒާތާއި ބާވަތާއި، ހައްސާސްކަމަށް ރިއާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.