މައްސަލަތަކަށް ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަށް ނޫން ކަމަށް ބޮޑުކަންނެލި ޔޫނިއަން އޮފް މޯލްޑިވްސް (ބީކޭއެމްޔޫ) އިން ބުނެފިއެވެ.
ބޮޑުކަންނެލީގެ ބައެއް މަސްވެރިން ހިމެނޭގޮތަށް ބީކޭއެމްޔޫ އިން މިއަދު ވަނީ ފިޝަރީޒް މިނިސްޓްރީގައި މިނިސްޓަރު އަހުމަދު ޝިޔާމްއާއެކު ތިން ގަޑިއިރުގެ ބައްދަލުވުމުގައި ބައިވެރިވެފައެވެ. އެ ބައްދަލުވުން ނިންމާލަން ޖެހުނީ ޝިޔާމަށް އައި ކުއްލި ކޯލަކާ ގުޅިގެންނެވެ.
އެ ބައްދަލުވުމަށްފަހު ބީކޭއެމްޔޫގެ ނައިބު ރައީސް އިމްރާން މުހައްމަދު، ”ރާއްޖެޓީވީ“އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިދިޔަ ސަރުކާރަށް އަދި މި ސަރުކާރަށް ވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެވިފައިނުވާ ކަމަށާއި މިއަދުގެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށެވެ.
މިވަގުތުން މިވަގުތަށް ހައްލު ކުރެވެން ހުރި ކަންތައްތަކާއި އަދި ކުރިއަށް އޮތްތާނގައި ހައްލުކުރަން ހުރި ކަންތައްތައް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަމަށް ސަރުކާރުން ހައްލުތަކެއް ހޯދައިދޭނެ ކަމަށް އުންމީދުކުރާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު ހުއްޓާނުލާނެ ކަމަށާއި އިހުތިޖާޖު ނިންމާނީ ހުށަހަޅާފައިވާ ކަންތައްތައް ހައްލުވުމުން ކަމަށެވެ. އަދި އެ ހުރިހާ ކަމަކަށް ރަނގަޅު ޖަވާބެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބީކޭއެމްޔޫ އިން ބުނީ އިހުތިޖާޖާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި ތިބި ދެ މަސްވެރިން ދޫކޮށްލުމަށް ވެސް އެ ބައްދަލުވުމުގައި އެދިފައިވާނެ ކަމަށާއި މަޝްވަރާތަކަށް އިހުތިޖާޖު މަޑުޖައްސާލި ނަމަވެސް، އިހުތިޖާޖު އަދިވެސް ކުރިއަށްދާނެ ކަމަށެވެ.
ރ. ދުވާފަރުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިފްކޯއިން ބޮޑުކަންނެލި ގަތުމަށްޓަކައި މަޝްވަރާތައް ބާއްވައި، އެކަމަށް ތައްޔާރުތައްވުމުންދާ ކަމަށާއި އެ ސިނާއަތަށް ވެވަޑައިގެންނެވި ވައުދުތައް ދާދި އަވަހަށް ފުއްދިގެންދާނެ ކަމަށެވެ.
ގައުމީ ވިސްނުމާ ދެކޮޅު ސިޔާސީ އޮއިވަރު ވެއްދުމަށް ކުރާ މަސައްކަތްތަކަށް ޖާގަ ނުދިނުމަކީ އެންމެ ރަނގަޅު ގޮތަށް ކަމަށާއި އެކަމުން މަސްވެރިކަމުގެ ސިނާއަތަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ ވަރަށް ދެފުށް ފެންނަ ގޮތަށް ކަމަށާއި ސަރުކާރުން ކުރާ ކަންކަން ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ. އަދި މަސްވެރިކަން ކުރިއެރުން ފިޔަވައި އެހެން އެއްވެސް ސިޔާސަތެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ބޮޑުކަންނެލި ގަންނަން ފެށުމުން، ޕްރައިވެޓް ސެކްޓާއިން މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށާއި އެހެންކަމުން ބޮޑުކަންނެލީގެ މަސްވެރިންގެ އެއްބާރުލުން ވެސް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޮޑުކަންނެލީގެ މަސްވެރިން އެންމެ ބޮޑަށް ގޮވާލާ އެއް ކަމަކީ، މިފްކޯއިން ބޮޑުކަންނެލި ގަތުމަށެވެ.




ގުޅުންހުރި
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
މައުރޫފަށް އަނިޔާނުކުރާ ކަމަށްބުނެ، ބަންދުން ދޫކޮށްލައިފި
އިހުތިޖާޖުކުރި މަސްވެރިން ވަނީ އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައި: ފުލުހުން
މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ފައުޖެއް އަރައި މައުރޫފާއި 3 މީހަކު ހައްޔަރުކޮށްފި
ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ