ޑިސެމްބަރ 19, 2025

މަރުވެފައި އޮއްވައި ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ވެއްޓުނު ކަނޑަށް ވެއްޓުނު މީހެއް 

ކަނޑުމަތީ މަރުވެފައި އޮއްވައި އިއްޔެ ފެނުނު ބިދޭސީ މީހާއަކީ ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަނޑަށް ވެއްޓުނު މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އިއްޔެ ބުނެފައިވާގޮތުގައި ގުޅިފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު އިއްޔެ މެންދުރުފަހު 1:21 ހާއިރު ވަނީ ލިބިފައެވެ.

މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އޮއްވައި ފެނިފައިވަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ޗެންގް ޖިއާ (38އ) ކަމަށާއި އޭނާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ މެންދުރު 12:48 ހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށެވެ. އަދި އެ މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ވެއްޓުނު ވަގުތު ކަނޑުގައި އޮއްވައި ފެނުނު ނަމަވެސް، ފަހުން ނުފެނިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތުދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި ކޯސްޓްގާޑުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.