ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ސެކިއުރެޓީ ޑިޕޮސިޓް ކުޑަކޮށްފައިވާތީ، ކުރިން ޑިޕޮސިޓް ދެއްކި މީހުންގެ ފައިސާ ކުލިން އުނިކުރުމަށް ނިންމައިފިއެވެ.
ގެދޮރުވެރިޔާގެ ތިން ކޮޓަރީގެ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި މީގެ ކުރިން ދައްކަން ޖެހެނީ 25،000 ރުފިޔާއެވެ. އަދި މަހު ކުލީގެ ގޮތުގައި ދައްކަން ޖެހުނީ 10،500 ރުފިޔާއެވެ. ދެ ކޮޓަރީގެ ފުލެޓުތަކަށް އެޑްވާންސްގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހުނު އިރު، މަހު ކުލީގެ ގޮތުގައި ދައްކަން ޖެހުނީ 7،000 ރުފިޔާއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް ސަރުކާރުން ވަނީ ފުލެޓުތަކުގެ ކުއްޔާއި ޑިޕޮސިޓް ކުޑަކޮށްފައެވެ. އެގޮތުން ތިން ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،500 ރުފިޔާއެވެ. އެހެންކަމުން މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 10،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހޭނީ 8،500 ރުފިޔާއެވެ.
އެ ބަދަލާއެކު ދެ ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 6،000 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،000 ރުފިޔާއެވެ. އެއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 7،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދެން ދައްކަން ޖެހޭނީ 6،000 ރުފިޔާއެވެ.
އެފްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބަދަލާ ގުޅިގެން ދެ ކޮޓަރީގެ ޔުނިޓުތަކަށް މިހާތަނަށް 15،000 ރުފިޔާގެ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކުން 6،000 ރުފިޔާ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށްފަހު ބާކީ ހުރި ފައިސާ ކުރިއަށްއޮތް މަސްތަކުގެ ކުލީގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ތިން ކޮޓަރީގެ ޔުނިޓުތަކަށް މީހާތަނަށް 25،000 ރުފިޔާގެ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކުން 8،500 ރުފިޔާ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށްފަހު ބާކީ ހުރި ފައިސާ ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އެފްޑީސީން ބުންޏެވެ.
އެފްޑީސީން ބުނީ ޔުނިޓުތަކަށް މީހާތަނަށް މަހު ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ގެނެވުނު ބަދަލުތަކުގެ އިތުރު ތަފްސީލު އެ ކުންފުނީގެ ފަހި ޕޯޓަލްގެ ޒަރިއްޔާއިން ޙިއްސާ ކުރަމުންގެންދާނެ ކަމަށެވެ.




ގުޅުންހުރި
ފަހި ފުލެޓުތަކުގެ މަހު ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލުތައް އާންމުކޮށްފި
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ފުލެޓުދީފައެއް ނުވާނެ: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އަންނަ ރޯދަ މަހުގެ ކުރިންވެސް 4,000 ފްލެޓްތަކަށް ވަދެވޭނެކަމުގެ އުއްމީދެއް ނެތް!؟