ގަވާއިދުން ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި ހިޔާގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްފިންކަން އެންގުމަށް އެ ފުލެޓުތަކުގެ ވެރިންނަށް މިމަހުގެ 16 ވަނަ ދުވަހު ވަނީ ސިޓީ ފޮނުވައިފައެވެ.
އެޗްޑީސީން މައާފުކޮށްދީފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތަކެވެ. އެޗްޑީސީއަށް އެ ޖޫރިމަނާތައް މައާފުކޮށްދެއްވުމަށް އަންގަވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަން އެނގިފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި މީހަކު ވަނީ ކުލި ނުދައްކައިގެން އަރާފައިވާ ބެކްލޮގްތައް ކުލިއާ ކުރެވިފައިނުވާތީ، އެ ޖޫރިމަނާތައް މައާފުކޮށްދިނުމަށް އެދިފައެވެ.
އެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ބެކްލޮގްތަކުގެ އަދަދުތައް ބެލުމަށް އެޗްޑީސީގައި އެދިފައިވާނެ ކަމަށާއި އެކަމާ މެދު މަޝްވަރާކުރައްވާނެ ކަމަށެވެ.



