ބިދޭސީންނަށް ކުއްޔަށް ދީފައިވާ ހުޅުމާލޭގެ ސޯޝަލް ހައުސިން ޔުނިޓުތައް އަންނަ މަހުގެ 3 ގެ ކުރިން ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލުމަށް ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ތަރައްގީކޮށް، ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ބިދޭސީންނަށް ކުއްޔަށް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
”މިފަދައިން ކުއްޔަށް ދޫކޮށްފައިވާ ނަމަ، 03 ޖެނުއަރީ 2026 ގެ ކުރިން އެ ތަންތަން ހުސްކުރުމަށް އެ ފަރާތްތަކަށް އެންގުމަށާއި، މި ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ފުލެޓު ލިބިފައިވާ ފަރާތްތަކަށް ދަންނަވަމެވެ..،“ އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.
އެ ތާރީހުގެ ފަހުން، ހުޅުމާލެއިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާ ނަމަ، އެ ކޯޕަރޭޝަނާއެކު ވެފައިވާ ފުލެޓު އެއްބަސްވުން އުވާލެވޭނެ ކަމަށެވެ.
ސޯޝަލް ހައުސިންގެ ގޮތުގައި ދޭ ފުލެޓުތައް ބޮޑެތި އަގުގައި ކުއްޔަށް ދޭ މައްސަލަ ބޮޑުވެފައިވީ ނަމަވެސް، މިހާތަނަށް އެފަދަ މައްސަލަތަކުގައި ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.



