އަމިއްލައަށް އަރުވާލެވިގެން 17 އަހަރު ހުންނެވުމަށްފަހު ބަންގްލަދޭޝްގެ އެންމެ ވަރުގަދަ އިދިކޮޅު ޕާޓީ, ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ އެކްޓިން ޗެއާމަން ތޯރިގު ރަހުމާން އެނބުރި ގައުމަށް މިއަދު ވަޑައިގެންެފި އެވެ.
އުމުރުން 60 އަހަރުގެ ތޯރިގަކީ ބަންދްލަދޭޝްގެ ދެ ފަހަރު ބޮޑު ވަޒީރުކަން ކުރައްވާފައިވާ އުމުރުން 80 އަހަރުގެ ހާލިދާ ޒިޔާގެ ދޮށީ ދަރިކަލުންނެވެ. އޭނާއަކީ ހާލިދާ ޒިޔާއަށްފަހު އެކަމަނާގެ ފަރާތުން ސިޔާސީ ހަޔާތް ކުރިއަށް ގެންދަވާނެ ކަމަށް ބެލެވޭ ފަރާތެވެ.
އެގޮތުން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އޮންނަ އާންމު އިންތިހާބުވެސް ކާމިޔާބު ކުރައްވާނެ ކަމަށް ގިނަ ބަޔަކު ދެކެނީ ތޯރިގެވެ.
އޭނާ ބަންގްލަދޭޝް ދޫކުރައްވައި އިނގިރޭސި ވިލާތުގެ ލަންޑަނަށް ވަޑައިގެންނެވީ 2008 ވަނަ އަހަރު އެވެ. އޭނާ އެނބުރި ގައުމަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިއުމަށް ގިނަ އަދަދެއްގެ މީހުން އެއާޕޯޓަށާއި މަގުތަކަށް ނުކުމެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ތޯރިގު އެނބުރި ބަންގްލަދޭޝްއަށް ވަޑައިގެންނެވި އިރު, މަންމާފުޅު ހާލިދާ ޒިޔާގެ ސިއްހީ ހާލުކޮޅު ދެރަވެގެން ފަރުވާ ދެމުން ގެންދާތާ މަސްތަކެއްވެއްޖެ އެވެ.



