ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރުމަށް ފަހު، ދައުލަތުގެ ނުވަތަ ސަރުކާރު ކުންފުންޏެއްގެ މަގާމަކަށް އައްޔަންކުރާ އަދި އިންތިހާބުވާ މީހުންނަށް ފުލުހުންގެ ރިޓަޔަމަންޓް އިނާޔަތް މެދުކަނޑާލަން ނިންމައިފިއެވެ.
ދައުލަތުގެ މަގާމަކަށް އައްޔަންކުރާ ފަހުން ވެސް ރިޓަޔަމަންޓް އިނާޔަތްދެމުންދާ ކަމުގެ ކަންބޮޑުވުން މީގެ ކުރިން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމަށް ބަދަލު ގެންނަވަން ނިންމަވައިފައެވެ. އަދި މަގާމެއް އަދާކުރާ ނަމަ، ރިޓަޔާމަންޓް ޕެންޝަން މެދުކަނޑާލުމަށް ސަރުކާރުގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހަޅައިފައެވެ.
ސަރުކާރުގެ ބައެއް މަގާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު މުސާރައިގެ އިތުރުން އެބޭފުޅުންނަށް ރިޓަޔާމަންޓް އެލަވަންސް ލިބޭތީ އާންމުން ކަންބޮޑުވާ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
ފުލުހުންގެ ރިތަޔާމަންޓްގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، މަހުން މަހަށް ރިޓަޔާމަންޓް އިނާޔަތް ލިބެމުންދާ މީހަކު ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އަތުވެއްޖެ ނަމަ، ނުވަތަ ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ، ދެމުން އައި ރިޓަޔަމަންޓް އެލަވަންސް މެދުކަނޑާލެވޭނެ ކަމަށެވެ.
އެ އެލަވަންސް މެދުކަނޑާލުމަށް ފަހު އަލުން އެލަވަންސް ދޫކުރާނީ ރިޓަޔާކުރުމަށްފަހު އަދާކުރަން ފެށި ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށާއި ރިޓަޔާކުރާ ފަރާތްތަކަށް އަލުން މަގާމެއް ލިބިފައިވާ ނަމަ، އެކަން އެ އިދާރާއަށް ލިޔުމުން އަންގަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
ގަވާއިދުގައިވާ ގޮތުން ވަޒީފާ ލިބުމުން އެކަން ނާންގައި އޮތުމުގެ ސަބަބުން، އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް ރިޓަޔަމަންޓް އިނާޔަތް ދޫކުރެވިއްޖެ ނަމަ، ފުލުހުން އަންގާ ގޮތެއްގެ މަތިން ޕެންޝަން އޮފީހަށް އެ ފައިސާ އަނބުރާ ފޮނުވަންވާނެއެވެ.
ރިޓަޔާކުރާ ފަރާތަކުން އެހެން ވަޒީފާއަކަށް ދިއުމަށްފަހު، އެފަދަ ފަރާތަކަށް އެ ވަޒީފާ އިން ވަކިިވާއިރު އިތުރު ރިޓަޔާމަންޓް އެހެން ޕެކޭޖެއް ހަމަޖައްސައިދޭ ނަމަ، އެ ޕެކޭޖު އިހުތިޔާރުކުރަންވާނެ ކަމަށާއި ނަމަވެސް އޭގެ ފަހުން ފުލުހުންގެ ރިޓަޔަމަންޓް އިނާޔަތް ނުލިބޭނެ ކަމަށް ވެސް ގަވާއިދުގައިވެއެވެ.




ގުޅުންހުރި
ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ސަލާމަތްކޮށްފި
ތަކުރާރުކޮށް ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަނީ
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
މަރުވެފައި އޮއްވައި ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ވެއްޓުނު ކަނޑަށް ވެއްޓުނު
ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ