ޑިސެމްބަރ 26, 2025

ދުންޔަވީ އެދުންތަކުގައި މަޝްއޫލުވެ, ގާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން ދަނީ އިތުރުވަމުން: ހުތުބާ

ހަމައެކަނި ދުންޔަވީ އެދުންތަކުގައި މަޝްޣޫލުވެ، ގާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން އަހަރެމެންގެ ތެރޭގައި އިތުރުވަމުން ދިއުމަކީ ދެރަވެ ހިތާމަކުރާންޖެހޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”އިސްލާމީ ޙަޟާރަތުގެ ރަންޒަމާން“ މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އިސްލާމީ ޙަޟާރަތު ފެށުނީ، ކީރިތި ރަސޫލާއަށް ވަޙީބާވައިލައްވާން ފެށުނު ހިސާބުން ކަމަށާއި އިސްލާމީ ޙަޟާރަތުގެ މާނައަކީ އިސްލާމީ ސަޤާފަތާއި އުސޫލުތަކާއި ހަމަތަކުގެމަތީގައި ތިބެ، ރޫހާނީ ގޮތުންނާއި މާއްދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތައް ކަމަށެވެ. އަދި މި ކައުނުގައި މާތް ﷲ ލައްވައިފައިވާ ކަންކަމާއި ތަފާތު އެކި މަހުލޫގުންނާ މެދު ވިސްނައިފިކުރުކުރުމަށް ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި އެކަލާނގެ އަންގަވާފައިވާ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, ނުހަނު ޅަ އުމުރުގައި ގުރުއާނާއި ޙަދީޘް ޢިލްމު އުނގެނި، އޭގެ އިތުރަށް ދުންޔަވީ ޢިލްމުގެ ހޯދުންތަކަށް އެ ބޭކަލުން ވަގުތުތައް ހުސްކުރެއްވީ އަމިއްލަ ވާޖިބެއްކަމުގައި ދެކިވަޑައިގެން ކަމަށެވެ. އަދި  މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެން ކަމަށާއި އެބައިމީހުންގެ ދީނުގައި މާތް ﷲ އާއި އެކަލާނގެ ރަސޫލާ ގެންނަވައިފައިވާ ޙުކުމްފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވެގެން ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, އިސްލާމީ އުންމަތް މިއަދު ވެއްޓިފައިމިވާ ފުންވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، ޢިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުން ކަމަށެވެ. އެހެންކަމުން މި ޙާލަތުން އަރައިގަތުމަށް އަހަރެމެންނަށް ވާޖިބުވަނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތަށް އެނބުރި ރުޖޫޢަވެ، ޢިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތްކުރުން ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ, ބަވަނަވަމުން އަންނަ ދުނިޔޭގައި މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި، ސަޤާފަތްތައް މަސްހުނިވަމުން އަންނަ އިރު، އެބައިމީހުންގެ ޢީދުތަކާއި، މުނާސަބާތަކުގައި، މުސްލިމުން ބައިވެރިވެއުޅުމަކީ، ދުރުހެލިވާންޖެހޭ ކަމެއް ކަމަށެވެ. އަދި މުސްލިމުން ފާހަގަކުރާ ޢީދުތަކުގައި އެބައިމީހުންގެ ސަޤާފަތްތަކާ ވައްތަރުވާ ގޮތަށް ކަންކަން ކުރުމަކީ ކީރިތި ރަސޫލާ މަނާކުރައްވައިފައިވާ ކަމެއް ކަމަށްވެސް ބުންޏެވެ.