ޑިސެމްބަރ 28, 2025

އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ދޫކުރާ ފުލެޓާއި ގޯއްޗަށް އަންނަ މަހުގެ 15 ގައި ހުޅުވާލުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ގައި ހުޅުވާލާނެ ކަމަށާއި އެކަމަށް އެދި ހުށަހެޅުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 17 ގައި އިއުލާންކުރި އެ މަޝްރޫއާ ގުޅޭ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން އެއް ބަދަލެއްގެ ގޮތުގައި އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ ފަރާތްތަކުން އެ ފުލެޓު ދޫކޮށްލާފައި ތިން ކޮޓަރީގެ ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ހެދުމާއި،  18 އަހަރުން ދަށުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހުރި ނަމަ، ދެ ކޮޓަރި ދޫކޮށްލާފައި ތިން ކޮޓަރީގެ އެޕާޓުމަންޓަށް ކުރިމަތިލެވޭ ގޮތަށް ހެދުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ އެ މީހެއްގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގެއެއް، ގޯއްޗެއް، ރޯ ހައުސެއް ނުވަތަ ފުލެޓެއް އޮތް ފަރާތްތަކަށް އެ ސްކީމަށް ކުރިމައްޗެއް ނުލެވޭނެ ކަމަށާއި އަދި އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް އޮތް ފަރާތްތަކަށްވެސް ކުރިމަތިނުލެވޭނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން މާލޭ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ 7600 ފުލެޓާއި 15000 ގޯއްޗެވެ. އޭގެ ތެރޭގައި ހިމެނޭ ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. އަދި ފުލެޓުތަކުގެ ތެރެއިން އިންޑިއާގެ އެލްއޯސީގެ ދަށުން ހަދާ 4000 ފުލެޓު ހެދުމަށް ހަމަޖެހިފައިވަނީ ގުޅިފަޅުގައެވެ.