މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން، ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިން ޔުނިޓުތައް އިމާރާތްކުރުމުގެ ދެ މަޝްރޫއުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ.
އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10 ޕަސަންޓާއި 15 ޕަސަންޓާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިންއަށް ހާއްސަކުރަން ވަނީ ލާޒިމުކޮށްފައެވެ.
ހުޅުމާލޭގައި ހައުސިން ޔުނިޓުތައް އިމާރާތްކުރުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން މިއަދު ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ދެ ކުންފުންޏަކާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެވެ. އެ ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވެއެވެ.
ބީއެމްއެލުން ބުނީ އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގޭ އެ މަޝްރޫއުތަކުން ފެންވަރު ރަނގަޅު ހައުސިން ޔުނިޓުތައް އިމާރާތްކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
ބީޔޫސީޖީއާ ހަވާލުކޮށްފައިވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު ތަރައްގީކުރުމަށެވެ. ބީޔޫސީޖީއަކީ ބައިނަލްއައަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި އެކި ޕްރޮޖެކްޓްތައް މީގެ ކުރިންވެސް ހިންގާފައިވެއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ރަންވޭ ތަރައްގީކުރުން ފަދަ ބޮޑެތި، ހަރުދަނާ މަޝްރޫއުތަކުން ކުންފުނީގެ ގާބިލުކަން ވަނީ ސާބިތުކޮށްދީފައެވެ.
ސީއެމްއީސީއާ ހަވާލުކޮށްފައިވަނީ ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީކުރުމަށެވެ. އެ ކުންފުންޏަކީ ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްކޮށް، ހަރުދަނާ ޓްރެކް ރެކޯޑެއް ގާއިމުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ވިނަރެސް ހައުސިން ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައި، މިހާރު ދަނީ ގުޅިފަޅާއި ހުޅުމާލޭ ފޭސް 2ގެ އިންފްރާސްޓްރަކްޗާ މަސައްކަތް ކުރަމުންނެވެ.
ބީއެމްއެލުން ބުނީ އެ ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ކުރިއަށްގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށްފަހު ކަމަށެވެ. އެގޮތުން، އެއްބަސްވުން ގާއިމުކުރެވުނު ދެ ކުންފުންޏަކީވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖްކުރުމުގެ ތަޖުރިބާ ހުރި، އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ދެ ކުންފުނި ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އުފައްދާފައިވަނީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތު ތަންފީޒުކުރުމަށް ހާއްސަކޮށްފައިވާ ބޭންކުގެ ސަބްސިޑީއެއްގެ ގޮތުގައެވެ. އަދި އެ ކުންފުނި ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ހަދާ 3000 ފުލެޓުގެ ތެރެއިން ހުޅުމާލޭގައި 2700 ފުލެޓު ހެދުމަށް ނިންމާފައިވާ އިރު، 300 ފުލެޓު ހެދުމަށް ހަމަޖެހިފައިވަނީ 300 ފުލެޓެވެ.
ބީއެމްއެލުން ހަދާ ފުލެޓުތަކުގެ އިތުރުން އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ވެސް 4000 ހައުސިން ޔުނިޓު ހެދުމަށް ހަމަޖެހިފައިވެއެވެ. އެ ފުލެޓުތައް ހެދުމަށް ހަމަޖެހިފައިވަނީ ގުޅިފަޅުގައެވެ.
އެ ފުލެޓުތަކާއެކު ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ހިމެނެނީ މާލޭ ސަރަހައްދުގައި ޖުމްލަ 7600 ފުލެޓެވެ. އެ ފުލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 ގައި ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.




ގުޅުންހުރި
މީހަކު 100 އަށްވުރެ ގިނަ ކާޑުގެ ޑޮލަރު ލިމިޓު ބޭނުންކުރި މައްސަލައާއެކު
ބީއެމްއެލުން ލަންކާއަށް އެހީގެ ގޮތުގައި 25،000 ޑޮލަރު
ހިޔާ އާއި ވިނަރެސްއަށް ދޫކުރި ލޯނުތަކުގެ އިންޓަރެސް ރޭޓު ކުޑަކޮށްދިނުމަށް ރައީސް
ބީއެމްއެލުން ހައުސިން މަޝްރޫއުތަކަށް، ހުޅުމާލޭގައި 2700 އަދި ވިލިމާލޭގައި 300 ފުލެޓު
ބޯޑުގެ ހުއްދައާ ނުލައި ލޯނު ދޫކުރަމުންދާ ކަމަށްބުނާ ވާހަކަތައް ބީއެމްއެލުން ދޮގުކޮށްފި
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ