ޑިސެމްބަރ 30, 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ، އުމުރުފުޅުން 80 އަހަރުގައި އަވަހާރަވެއްޖެ އެވެ.

ހާލިދާ ޒިއާގެ ބަންގްލަދޭޝްގެ ނެޝަނަލް ޕާޓީ (ބީއެންޕީ) އިން ނެރުނު ބަޔާނެއްގައި ބުނީ، ހާލިދާ ޒިޔާ އަވަހާރަވީ މިއަދު ހެނދުނު 6:00 ގައި ކަމަށެވެ.

ހާލިދާ ޒިއާގެ ސިއްހީ ހާލުކޮޅު ގޯސްވެ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ދިޔައީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންނެވެ. އޭނާ އަވަހާރަވީ ސިއްހީ ހާލުކޮޅު ދެރަވެ، އިއްޔެ ލައިފް ސަޕޯޓަށްލީ ފަހުންނެވެ.

ހާލިދާ ޒިއާ އަވަހާރަވި ހަބަރާއެކު ސަޕޯޓަރުން ވަނީ އޭނާއަށް ފަރުވާ ދެމުންދިޔަ އެވާކެއާ ހޮސްޕިޓަލް ކައިރިއަށް އެއްވެފަ އެވެ. ބައެއް މީހުން ހޮސްޕިޓަލް ތެރެއަށް ވަންނަން ވެސް މަސައްކަތް ކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހާލިދާ ޒިއާ އާންމުންނަށް ފުރަތަމަ އެނގެން ފެށީ ބަންގްލަދޭޝްގެ ކުރީގެ ރައީސް ޒިއޯރް ރަހުމާންގެ އަނބިކަނބަލުންގެ ގޮތުގަ އެވެ. އޭނާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ 1981 ވަނަ އަހަރު ބަންގްލަދޭޝްއަށް ގެނައި އަސްކަރީ ބަޣާވާތުގައި ފިރިކަލުން އަވަހާރަކޮށްލުމުންނެވެ.

ބަންގްލާދޭޝްގައި ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ޚާލިދާ ވަނީ ޝައިހް ހަސީނާގެ ވެރިކަމުގައި ކޮރަޕްޝަންގެ ދައުވާކޮށް އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 2018 ވަނަ އަހަރު ޖަލަށް ލައިފަ އެވެ. އަދި ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުން ވެސް މަނާކުރި އެވެ.

ޚާލިދާ ޖަލުން މިނިވަން ކުރީ މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވައްޓާލުމާ އެކުގަ އެވެ.