ޑިސެމްބަރ 30, 2025

މަންޑޭއަށް ހުކުމްކުރުން މާދަމާ

ކޭ ޕާކް ރެސިޑެންސްގެ ފުލެޓުތައް ވިއްކާ ކަމަށްބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ހުކުމްކުރުމަށް މާދަމާއަށް އަޑުއެހުމެއް ތާވަލުކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ހުޅުމާލޭގައި ތަރައްގީކުރާ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު މަންޑޭގެ މައްޗަށް ކޮށްފައިވާ 100 އަށްވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މަންޑޭގެ މައްޗަށް ސާބިތުވެފައިވަނީ ޓެކުމުގެ 46 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއް އަދި މަނީ ލޯންޑަރިންގެ އެއް ދައުވާއެވެ.

އެ މައްސަލައިގައި ހުކުމްކުރުމަށާއި އަދަބާ ބެހޭގޮތުން ވާހަކަދެއްކުމަށް މިއަދު އަޑުއެހުމެއް ކުރިއަށްގެންދިޔައެވެ. ނަމަވެސް އަޑުއެހުން ނިންމާލާފައިވަނީ އަދަބާ ބެހޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށްފަހުއެވެ.

އެ އަޑުއެހުން ނިންމަވައިލައްވަމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލަ ދިރާސާކޮށް އަދަބު ކަނޑައެޅުމަށް އިތުރު ވަގުތު ބޭނުންވާތީ، ހުކުމްކުރުމަށް އަޑުއެހުން މާދަމާ ހެނދުނު 9:00 އަށް ތާވަލުކުރާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މަނީ ލޯންޑަރިންގެ ކުށުގެ އަދަބެއްގެ ގޮތުގައި މަންޑޭ 15 އަހަރަށް ޖަލަށްލައި، އޭނާ ލޯންޑާކުރި ޖުމުލަ ފައިސާގެ އަދަދުން ޖޫރިމަނާ ކޮށްދިނުމަށް އެދިފައެވެ.

ދައުލަތުން ދެން އެދިފައިވަނީ މަންޑޭގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅި ޓެކުމުގެ 50 ދައުވާގެ ތެރެއިން ކޮންމެ ދައުވާއެއްގައި ފުރިހަމަ އަދަބު ކަނޑައަޅައި، އޮޅުވާލުމުގެ ކޮންމެ ދައުވާއެއްގައި އަދަބުގެ ދެ ބައިކުޅަ އެއްބައި އަދަބު ކަނޑައަޅައިދިނުމަށެވެ.

ދައުލަތުގެ ވާހަކަތަކަށްފަހު މަންޑޭއަށް ދިން ފުރުސަތުގައި ވާހަކަދައްކަވަމުން އޭނާ ބުނީ، ފާހަގަކުރަން ބޭނުންވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.

އޭނާގެ އިތުރު އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޖައިޝާން ސައީދުގެ މައްޗަށް 93 ދައުވާއެއް ސާބިތުވާ ކަމަށް ވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ހުކުމްކޮށްފައެވެ. އެއީ ޓެކުމުގައި ބައިވެރިވުމުގެ 45 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ އެއް ދައުވާއެވެ.

މިއަދުގެ އަޑުއެހުމުގައި ޖައިޝާންގެ ފަރާތުން އޭނާގެ ވަކީލު ނޫރުއްސަލާމް ވަނީ، ދައުވާތަކުގެ ތެރެއިން އެންމެ ބޮޑު ދައުވާއަކީ އެންމެ ބޮޑު އަދަބު ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ. އަދި އަދަބުގެ ތިންބައިކުޅަ އެއްބައި ގޭ ބަންދަށް ބަދަލުކޮށް ދިނުމަށާއި އަދަބުގެ އަނެއްބައި ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް ދިނުމަށް ވެސް ވަނީ އެދިފައެވެ. އަދި ޖަލު އަދަބު ތަންފީޒު ކުރުމުގެ ކުރިން ގޭ ބަންދުގެ އަދަބު ތަންފީޒު ކުރެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށް ވެސް އެދުނެވެ.

ނޫރުއްސަލާމް ވިދާޅުވީ އެގޮތަށް އެދެނީ ޖައިޝާންގެ އަންހެނުން ނިޔާވެފައިވާ އިރު، އޭނާގެ ތިން އަހަރާއި ހަ މަސް ދުވަހުގެ ކުޑަކުއްޖަކު ހުރުމުން ކަމަށާއި އެ ކުއްޖާ ބެލުމުގެ ކަންކަން ކުރަމުންދަނީ ޖައިޝާން ކަމަށްވާތީ ކަމަށެވެ. އަދި މިހާރު ކުއްޖާ ބަލަމުންދަނީ އޭނާގެ މަންމަ އާއި ދޮންބައްޕަ އަދި ބޮޑުބޭބެއެއް ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.

އެ ވާހަކަތަކަށްފަހު ދައުލަތުގެ ވަކީލު ވިދާޅުވީ ޖަލު އަދަބުގެ ތިންބައިކުޅަ އެއްބައި ގޭ ބަންދަށް ބަދަލުކުރުމަށް އިއުތިރާޒުކުރާ ކަމަށާއި ޖައިޝާންއަކީ ވަޒީފާ އަދާކުރާ ފަރާތެއް ނޫން ކަމަށާއި އަދި އޭނާއަށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ ފަދަ ހެއްކެއް ޝަރީއަތަށް ހުށަހަޅާފައިނުވާތީ ޖަލު އަދަބު، ޖޫރިމަނާގެ އަބަދަކަށް ބަދަލުކޮށްދިނުމަށް ވެސް އިއުތިރާޒުކުރާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.