ޑިސެމްބަރ 31, 2025

ޒުވާން ވިޔަފާރިވެރިޔާ މަންޑޭ 397 އަހަރަށް ޖަލަށް!

ހުޅުމާލޭގައި ތަރައްގީކުރާ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 94 ދައުވާއެއް ސާބިތުވެ، 397 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު މަންޑޭގެ މައްޗަށް ކޮށްފައިވާ 100 އަށްވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މަންޑޭގެ މައްޗަށް ސާބިތުވެފައިވަނީ ޓެކުމުގެ 46 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާއަކާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއް އަދި މަނީ ލޯންޑަރިންގެ އެއް ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން ބާއްވައިފަ އެވެ.

މަންޑޭގެ މައްޗަށް 390 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައީ ދައުލަތުން ކޯޓުގައި އެދުނު ގޮތަށް އޭނާގެ މައްޗަށް ސާބިތުވި ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއްގައި އަށް އަހަރުގެ ޖަލު ހުކުމެއްގެ ރޭޓުން 368 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމުލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.

ކޯޓުން ވަނީ ފައިސާ ނެގި މީހުންނަށް އެ ފަައިސާ ދިނުމަށާއި މަނީ ލޯންޑްރިންގެ ކުށުގައި 30 މިލިއަން ރުފިޔާގެ ޖޫރިމަނާއެއްވެސް މަންޑޭގެ މައްޗަށް ކޮށްފަ އެވެ. އޭގެ އިތުރުން ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަމުރުކުރި އެވެ.