ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލި ދެ މީހުންގެ ހުކުމް މިއަދު ހައި ކޯޓުން ބާތިލުކޮށްފައިވަނިކޮށް، އަލުން އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެ ދެ މީހުންނަކީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފީ މައްސަލަ އެ ކޯޓުން ބެލުމަށްފަހު ހައިޝަމް އާއި، ޒިހާންގެ މައްޗަށް ސާބިތުވި ދައުވާތައް ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް ތަހުވީލުކޮށްފައިވާ ކަމަށެވެ.
ހައިކޯޓުގެ އެ ނިންމުމާ ގުޅިގެން، ހ. އަންނާރުމާގެ ހައިޝަމް އާއި ޒިހާންގެ ބަންދާ މެދު ގޮތެއް ކަނޑައަޅައިދިނުމަށް އެ އޮފީހުން މިއަދު ކުރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ކުރިމިނަލް ކޯޓަށް ތަހުވީލުކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން ހައިޝަމް އާއި ޒިހާން ބަންދުކުރުމަށް އެ ކޯޓުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ޔާމީން ރަޝީދު މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން އުފުލިއެވެ.
ދައުވާ އުފުލާފައިވަނީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ އިތުރުން ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
އެ މީހުންގެ ތެރެއިން ކުށް ސާބިތުވި ކަމަށް ކަނޑައެޅީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ހައިޝަމްގެ މައްޗަށް ކުށް ސާބިތުވީ، ޔާމީން މަރާލަން ދިން ހަމަލާ ރާވައި، ޓާސްކުތައް ހަވާލުކޮށް އަމަލީގޮތުން އެކަން ކުރި ފަރާތް ކަމަށް ސާބިތުވުމުންނެވެ. ޒިހާންގެ މައްޗަށް ކުށް ސާބިތުވީ، އެ ހަމަލާ ދިނުމުގައި އަމަލީގޮތުން އޭނާ ބައިވެރިވެފައިވާކަން ސާބިތުވެގެންނެވެ. އެ ދެ މީހުންވެސް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން، އޭގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރީ ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އަދި އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ވެސް އަލުން ބަލަން ހައި ކޯޓުން އެންގިއެވެ.




ގުޅުންހުރި
ރުގްޔާގެ ނަމުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކަށް ހުކުމްކޮށްފި
ޒުވާން ވިޔަފާރިވެރިޔާ މަންޑޭ 397 އަހަރަށް ޖަލަށް!
މަންޑޭއަށް ހުކުމްކުރުން މާދަމާ
މަންޑޭގެ މައްޗަށް 94 ދައުވާއެއް ސާބިތުވެއްޖެ
ކޯޓަށް ހާޒިރުކުރުމަށް މަންޑޭ ހައްޔަރުކޮށްފި
ދައުލަތުން އެދިގެން ޝަމްއާން ބަންދުން ދޫކޮށްލައިފި