ރާއްޖޭގެ ބައިނަލްއަގުވާމީ އަދި ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަން ބޭރުގެ ބަޔަކަށް ނުދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން އެހެން ވިދާޅުވެފައިވަނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ އެހީތެރިކަމަށް ރާއްޖެއިން އެދުނު ކަމަށްބުނެ، އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އެ ވާހަކަތަކާ ގުޅިގެން މިނިސްޓަރު އަމީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ އެއާޕޯޓެއްވެސް ހިންގަނީ ރާއްޖޭގެ އޮޕަރޭޓަރުން ކަމަށެވެ.
”ރާއްޖޭގެ ޑޮމެސްޓިކް އަދި ބައިނަލްއަގުވާމީ އެއާޕޯޓުތައް މެނޭޖުކޮށް، އޮޕަރޭޓްކުރާނީ މޯލްޑިވްސް ސިވިލް އެވިއޭޝަން އޮތޯރިޓީން ކަނޑައަޅާ ރާއްޖޭގެ އޮޕަރޭޓަރުން،“ އަމީން ވިދާޅުވިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓު ހިންގާނެ ފަރާތެއް ހޯދައިދިނުމަށް އެދި އިންޑިއާ ސަރުކާރުގައި ދިވެހި ސަރުކާރުން ވަނީ އެދިފައެވެ. އަދި އެކަމުގެ މަސައްކަތްތައް އިންޑިއާ ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލު ތަރައްގީީކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ. އެ މަސައްކަތުގެ ދަށުން 2.7 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ވެސް ވަނީ ހަދައިފައެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި އެ މަޝްރޫއު ނިންމައި، އެ ޓާމިނަލް ހުޅުވާފައިވަނީ ނިމިދިޔަ އަހަރުއެވެ.



