ޖެނުއަރީ 5, 2026

ކައުންސިލު އިންތިހާބަށް އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމު ފަށައިފި 

މިއަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ ”ޓްރެއިނިން އޮފް ޓްރެއިނާސް“ (ޓީއޯޓީ) ޕްރޮގުރާމު މިއަދު ފަށައިފިއެވެ.

އެ ޕްރޮގްރާމު ކުރިއަށް ގެންދަނީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) މާލޭގައި، މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އެ ޓްރެއިނިން ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމުލަ 95 ޓްރެއިނަރުން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ޓްރެއިނިން ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ފަރާތުން ބައިވެރިވާ ކަމަށް ބުންޏެވެ.

އެ ޓްރެއިނިން ޕްރޮގްރާމްގެ މަގުސަދަކީ އިންތިހާބު ކުރިއަށްދާ އިރު، މާލެއާއި އަތޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ބެހެއްޓޭ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓު ނެގުމާއި ވޯޓު ގުނުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތް ކިޔައިދިނުމާއި، އެ ފަރާތްތައް އެ މަސައްކަތަށް ތައްޔާރުކުރުމެވެ. އެގޮތުން ޕްރޮގްރާމުގައި އިންތިހާބުގެ ކަންކަން އަމަލީގޮތުން ހިންގުމަށް ބޭނުންވާ އިލްމީ އަދި ފަންނީ ތަމްރީނު ދޭނެ ކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ އެ ޓްރެއިނިން ޕްރޮގްރާމަށްފަހު މާލެއާއި އަތޮޅުތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.