ޖެނުއަރީ 5, 2026

ހަމަލާތަކަކަށްފަހު އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ހައްޔަރުކޮށްގެން ގެންގޮސްފި 

އެމެރިކާއިން ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރާ ހައްޔަރުކޮށްގެން ގެންގޮސްފިއެވެ.

މަދޫރާ ހައްޔަރުކުރުމުގެ ކުރިން، އެމެރިކާގެ ސިފައިން ވަނީ ވައިގެ މަގުން ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކާއެކު ވެނެޒުއޭލާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ. ގިނަ ގައުމުތަކަކުން ދަނީ އެމެރިކާގެ އެ ހަމަލާ ކުށްވެރިކުރަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ މަދޫރާ އާއި އަނބިކަނބަލުން ހައްޔަރުކޮށް، ވެނެޒުއޭލާއިން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ގެންދިޔައީ ކޮން ގައުމަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި މަދޫރާ ހައްޔަރުކުރުމުގެ އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ އެމެރިކާ ސިފައިންގެ އެންމެ މަތީ މިޝަންގެ ޔުނިޓު، ޑެލްޓާ ފޯސް އިންނެވެ. އެ ޔުނިޓަކީ 2019 ވަނަ އަހަރު އިސްލާމިކް ސްޓޭޓްގެ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީ ވެސް މަރާލުމަށް ބޭނުންކުރި ޔުނިޓެވެ.

އެމެރިކާގެ ސިފައިން މަދޫރާ ހައްޔަރުކުރަން މަސައްކަތްކުރާތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެމެރިކާގެ ކޯޓަކުން ވަނީ މަދޫރާ އާއި އިތުރު ބައެއްގެ މައްޗަށް، ޑްރަގު ޓްރެފިކިންގެ ދައުވާކޮށް މައްސަލަ ބަލަން ފަށައިފައެވެ.

ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، އެމެރިކާގެ ސަރުކާރުން ވަނީ އެ މަސައްކަތް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މަދޫރާ ހައްޔަރުކުރުމަށް މައުލޫމާތު ހޯދައިދޭ މީހަކަށް 50 މިލިއަން ޑޮލަރު ވެސް ވަނީ ހުށަހަޅައިފައެވެ.

ވެނެޒުއޭލާގެ ރައީސްކަމުގެ މަގާމު މަދޫރާ ފުރުއްވަމުން ގެންދަވާތާ މިހާރު 12 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ކުރީގެ ރައީސް ހޫގޯ ޗާވޭސް 2013 ވަނަ އަހަރު އަވަހަރާވުމާ ގުޅިގެން، ނައިބު ރައީސްގެ ގޮތުގައި އޭރު ހުންނެވި މަދޫރާ ފުރަތަމަ އަދާކުރެއްވީ ވަގުތީ ރައީސްކަމުގެ ދައުރެވެ. އެއަށްފަހު ބޭއްވި އިންތިހާބު ވެސް މަދޫރާ ކާމިޔާބުކުރެއްވިއެވެ.