ޖެނުއަރީ 5, 2026

ހުއްދަ ނެތް ކޯސްތަކެއް ލަންކާގައި ހިންގި މައްސަލައެއްގައި އެވިޑް ކޮލެޖަށް ނަސޭހަތް ދީފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހުއްދަ ނުދޭ ބޭރުގެ ބައެއް ކޮލެޖުތަކުގެ ކޯސްތައް އެވިޑް ކޮލެޖުން ހިންގާތީ އެ ކޮލެޖާ ދެކޮޅަށް އެ އޮތޯރިޓީން ފިޔަވަޅު އަޅައިފި އެވެ.

އެމްކިއުއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްރީ ލަންކާގެ ”އެމަޒޯން ކޮލެޖު“ އާއި ”އަލްޒެޓް ޔުނިވާސިޓީ (ވަކި ގައުމެއްކަން ނޭނގޭ)“ގެ ކޯސްތަކެއް އެމްކިއުއޭގެ ގަވާއިދުތަކާ ހިލާފަށް އެވިޑް ކޮލެޖުން ހިންގައި އެ ކޯސްތަކުުގެ ދަރިވަރުންނަށް ސަނަދުވެސް ދީފައިވާ ކަމަށެވެ.

އެކަން ފާހަގަވީ އެ ޕްރޮގްރާމްތައް ފުރިހަމަކޮށް ގްރެޖުއޭޓްވެގެން ހޯދާފައިވާ އެވިޑް ކޮލެޖްގެ ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ދަރިވަރުންނާއި އެކި ގައުމުތަކުގެ ކޮލިފިކޭޝަންސް އެޖެންސީތަކުންނާއި އަދި އެވިޑް ކޮލެޖުން މި އޮތޯރިޓީއަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކުން ކަމަށެވެ.

އެމްކިއުއޭއިން ބުނީ އެ ނޫންވެސް އެހެން ބައެއް ކޮލެޖުތަކުގެ ކޯސްތައް ގަވާއިދާ ހިލާފަށް އެވިޑުން އިޝްތިހާރު ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ތަންތަނަކީ ސްރީ ލަންކާގެ TVEC، UGC އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަން ނޫން ކަމަަަށްވެސް ބުންޏެވެ.

އެ ތަންތަނަކީ:

  • ޗެސްޓާ ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަން
  • އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް
  • އިނޮވޭޓަސް ކެމްޕަސް
  • ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް
  • ބިޓްވިން ކެމްޕަސް

އެމްކިއުއޭ އިން ބުނީ، 9 އޮގަސްޓު 2024 އިން ފެށިގެން އެމްކިއުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑީޓޭޝަން ދިން ގޮތާ ހިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި ނަސޭހަތްތެރިވަމުންދިޔަ ނަމަވެސް ތަކުރާރުކޮށް އެ އެންގުންތަކާ ހިލާފުވަމުންދާކަން ދެނެގަނެވިފައިވާ ކަމަށެވެ.

އަދި މަތީ ތައުލީމު ދޭ މަރުކަޒުތަކަށް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި މި އޮތޯރިޓީގެ ހުއްދަ ނުހޯދާ ނުހިންގުމަށް ހުރިހާ މަރުކަޒުތަކަށް މިދިޔަ އަހަރުގެ ފެބްރުއަރީ 17 ގައި ސިޓީއަކުން އިލްތިމާސްކޮށް ފެބްރުއަރީ 18 ގައި މިކަމާ ގުޅިގެން އާންމު އިއުލާނެއް ކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.

”އެހެންކަމުން، [އެ ގަވާއިދުގެ] ދަށުން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި އެވިޑް ކޮލެޖަށް ނަސޭހަތްތެރިވުމާ އެކު މިކަން އާންމުކޮށް އިއުލާން ކުރީމެވެ.“ އެމްކިއުއޭ އިން ބުންޏެވެ.