އެމެރިކާ އިން ވެނެޒުއޭލާއަށް ދިން ހަމަލާތަކަށްފަހު ”ވަގަށް“ ނެގި އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޮރެސް ބްރޫކްލިންގައި ހުންނަ ޖަލެއްގައި ބަންދުކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަދޫރޯގެ ދެކަނބަލުން ގޮވައިގެން އެމެރިކާ ސަރުކާރުގެ މަތިންދާބޯޓު ފުރަތަމަ ގެންދިޔައީ ނިއު ޔޯކްގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ސްޓިވާޓް އެއާ ނޭޝަނަލް ގާޑް ބޭސް އަށެވެ.
އެތަނުން ނިއު ޔޯކްގެ ޔޫއެސް ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަނަށް ގެންގޮސް ޑުރަގާއި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލުމަށްފަހު އެ މީހުން މިހާރު ގެންގޮސްފައިވަނީ ބްރޫކްލިންގެ މެޓްރޯޕޮލިޓަން ޑިޓެންޝަން ސެންޓަރަށް ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މަދޫރޯގެ ދެކަނބަލުން ”ވަގަށް“ ނެގުމަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެނެޒުއޭލާގެ ކަންކަން ރައްކާތެރި ހާލަތަކަށް ބަދަލުވަންދެން ބަލަހައްޓާނީ އެމެރިކާއިން ކަމަށް ބުނެފަ އެވެ. އަދި ވެނެޒުއޭލާގެ ތެލުގެ އިންޑަސްޓްރީގެ ކަންކަން ވެސް އެމެރިކާގެ ތެޔޮ ކުންފުނިތަކުން ބަލަހައްޓަން ފަށާނެ ކަމަށްވެސް ބުންޏެވެ.
ބައެއް ގައުމުތަކުން ވަނީ މަދޫރޯ ”ވަގަށް“ ނެގީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ޓްރަމްޕް ވަނީ އެއީ ޑުރަގާ ދެކޮޅަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ބުނެފަ އެވެ.




ގުޅުންހުރި
ހަމަލާތަކަކަށްފަހު އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ހައްޔަރުކޮށްގެން ގެންގޮސްފި