ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއްް ހުށަހަޅައިފި އެވެ.
ސަރުކާރު ހިންގާ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އެ ބިލުގެ ބޭނުމަކީ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށާއި ރައީސް ހޮވުމަށް ބާއްވާ އިންތިހާބު އެކީގައި ބާއްވާ ގޮތަށް ކަނޑައެޅުމާއެކު މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު އިސްލާހުކޮށް، ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައިވެ އެވެ. އެގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028 އަށެވެ. އެހެންވެ، އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާ އެކު، މަޖިލިސް އިންތިހާބު ވެސް ބާއްވަން ވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
މި ބިލު ހުށަހަޅާނީ ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާގައެވެ.



