ސްކޫލުތަކުގައި ދެ ޖިންސު މައްސުނިނުކޮށް ކިޔަައިވައި ދިނުމަށް އިލްމުވެރިން އެދިއްޖެ

ރާއްޖޭގެ ސްކޫލް މަދަރުސާތަކަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދަރިވަރުން ތަރުބިއްޔަތުކުރާ ތަންތަނަށް ހެދުމަށްޓަކައި އަންހެން އަދި ފިރިހެން ދަރިވަރުން މަސްހުނި ނުވާނެ ގޮތަށް ކިޔަވައިދިނުމުގެ ނިޒާމު އިސްލާހުކޮށްދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއަށް އިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކުރައްވައިފި އެވެ.

އިލްމުވެރިންގެ ފަރާތުން މިނިސްޓަރަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާވެސް ބޮޑަކަށް ވަކިކުރެވިފައި ކަމަށާއި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވި ފަހުން ތައުލީމީ ދާއިރާއަށް ގެނެވުނު ބަދަލުތަކަކީ އިސްލާމީ އުސޫލުތަކާއި ދިވެހީންގެ ސަގާފަތާ ބީރަށްޓެރި، ސެކިއުލާ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ކަމަށެވެ.

އަދި ދާދިފަހުން ރާއްޖޭގެ ދެކުނުގެ ރަށެއްގެ ސްކޫލެއްގައި، ކުލާސްރޫމް ތެރޭގައި ދެ ޖިންސުގެ ދަރިވަރުން ގައިގޯޅިވެގެން ވަރަށް ބޭއަދަބީކޮށް އުޅުނު މަންޒަރު ފެންނަ ވީޑިއޯއަކީ ދެ ޖިންސު މައްސުނިކޮށް ކިޔަވައިދިނުމުގެ ސަބަބުން ކުރިމަތިވާ އަހުލާގީ ދަށުދަރަޖައިގެ ކަމެއް ކަމުގައި އިލްމުވެރިންގެ ގުޅުމުން ސިފަކުރެއްވި އެވެ.

އިލްމުވެރިންގެ ސިޓީގައި އިތުރަށް ވިދާޅުވީ، ދެ ޖިންސު މައްސުނި ކުރުމަކީ ދަރިވަރުންގެ އަހުލާގާއި ސުލޫކަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށެވެ. އެކަމަށް ބާރުދޭ، ދުނިޔެވީ ގޮތުން ތަރައްގީވެފައިވާ ބައެއް ގައުމުތަކުގެ މުއައްސަސާތަކުން ހަދާފައިވާ ދިރާސާތަކަށާއި ދެ ޖިންސު ވަކިކޮށްގެން ކިޔަވައި ދިނުމަށް ދަލީލުކުރާ ކީރިތި ރަސޫލާ ﷺ ގެ ޒަމާނުގެ ބައެއް ހަދީޘް ވެސް ސިޓީގައި ބަޔާންކުރައްވާފައިވެ އެވެ.

އިލްމުވެރިންގެ ސިޓީ ވަނީ ތައުލީމީ މާހައުލަކީ ދެ ޖިންސު މައްސުނި ނުވާނެ ފަދަ މާޙައުލަކަށް ހެއްދެވުމަށްޓަކައި ކަމާގުޅޭ އުސޫލުތައް އިސްލާހުކޮށްދިނުމަށް އެދިފަ އެވެ.