ދައުރު ކުރުކުރުމުން ކޮންމެ މެންބަރަކަށް ހަތަރު ލައްކަ ރުފިޔާ މަދުވޭ، އެއީ ބޮޑު ގުރުބާނީއެއް: ފަލާހު

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ---

މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުން ކޮންމެ މެންބަރަކަށް ހަތަރު ލައްކައަށްވުރެ ގިނަ ފައިސާ މަދުވެގެންދާނެ ކަމަށް ސަރުކާރު ހިންގާ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފަ އެވެ.

އެ ބިލު މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ، މި އިސްލާހުގެ ސަބަބުން މިހާރު އޮތް މަޖިލީހަށް ހަ މަސް ދުވަސް އުނިވެގެންދާނެ ކަަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮންމެ މެންބަރަކަށް ހަތަރު ލައްކައަަށްވުރެ ގިނަ ފައިސާ މަދުވެގެންދާ އިރު، މި އިސްލާހަށް ތާއީދުކޮށް މި ނިންމުން ނިންމަވާ މެންބަރުން އެ ވެވަަޑައިގަންނަަވަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ސަރުކާރުން މިއަދު ހުށަހެޅި ބިލުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ކަނޑަަޅަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ކަނޑައަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.

މި އިސްލާހު ގާނޫނުއަސާސީއަށް ގެނެސްފިނަމަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަަނަ ދުވަހަށް 20 ވަނަ މަޖިލީހުގެ ދައުރު ހަމަވާނެ އެވެ.