ރައީސް ޑރ. މުހައްމަދު މުއިއްޒު، އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު އޮންނަ ގޮތަށް ”ރީ އެމްޕްލޯއިމަންޓްގެ ބިލު“ މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާގައެވެ.
މި ބިލުގެ މަގުސަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލު ކުރެވޭނެ އުސޫލުތައް ބަޔާން ކުރުމެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބިލު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ސިފައިން، ފުލުހުން ފަނޑިޔާރުން، ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން އައްޔަންކުރެވޭ މަގާމުތައް އަދާކުރާ ފަރާތްތައް ނުހިމެނެއެވެ.
މި ބިލުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، އުމުރުން 65 އަހަރުން ފެށިގެން 75 އަހަރު ފުރުމާ ހަމައަށެވެ. މީގެ އިތުރުން، ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ ހަތް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވިދާނެއެވެ.
މި ބިލަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 30 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި