ޖެނުއަރީ 9, 2026

ރާއްޖެ-ލަންކާ ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ ނަގަންނުޖެހޭ ގޮތަށް ހަދަން ނަޝީދު ގޮވާލައްވައިފި

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ އާއި ވޯކް ޕާމިޓް ނަގަން ނުޖެހޭ ގޮތަށް ހެދުމުން ވަރަށް ބޮޑަށް ފައިދާވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ލަންކާގެ އިދާރާތަކުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ވިދާޅުވެ އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ލަންކާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ނަޝީދު ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ވިސާ އަދި ވޯކް ޕާމިޓް އުވާލުމުން ދެ ގައުމަށް ވިޔަފާރީގެ ގޮތުންނާއި ފަތުރުވެރިކަމުގެ ގޮތުން އަދި އެހެނިހެން ގޮތްގޮތުން ވެސް ފައިދާތައް ލިބިގެންދާނެ ކަމަށެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ ސްޓާއާ ވާހަކަދައްކަވަމުން މަސްއޫދު ވަނީ ލަންކާއަށް ދާ ދިވެހިންނާމެދު އެ ގައުމުގެ އިދާރާތަކުން، ހާއްސަކޮށް އިމިގްރޭޝަނުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

މަސްއޫދު މިހެން ވިދާޅުވި ނަމަވެސް މިކަމާ ގުޅިގެން މިހާތަނަށް ދިވެހި ސަރުކާރުން ނުވަތަ ފޮރިން މިނިސްޓްރީން އެއްޗެއް ބުނެފައެއް ނުވެ އެވެ.