އަންނަ އެޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 294،937 މީހުންގެ ލިސްޓު އާންމުކޮށް، ވޯޓުފޮށިތަކުގެ މައުލޫމާތު އާންމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށާއި ބާކީ ތިބި 144،527 މީހުންނަކީ އަންހެނުންނެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖެނުއަރީ 18، ވާ އާދީއްތަ ދުވަހުގެ މެންދުރު 15:00 ގެ ނިޔަލަށެވެ. ޝަކުވާ ހުށަހަޅަންޖެހެނީ އިލެކްޝަންސްގެ މައިޕޯޓަލް މެދުވެރިކޮށެވެ.
އީސީން ބުނީ ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ
ކައުންސިލް އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބަހައްޓާނެ އެވެ. އަތޮޅުތެރޭގައި 321 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓުފޮށި ބަހައްޓަން ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ވޯޓުފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި ދެ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރެވޭނެ އެވެ.




ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ވާދަވެރިން ވެސް ގުޅެންވީ ޕީއެންސީއާ، ކާމިޔާބު ހޯދާނެ ފަޅިއަކީ މިއީ: ޝަހީމް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
ކައުންސިލުތަކުގެ ޒިންމާއަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުން: ހަލީމް
ރާފިއު، ވާދަވެރިންނަށް: މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދުއްވާލިޔަސް، ގެނެސްދިން ތަރައްގީ އެނގޭނެ!
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ