ކުރިއަށްއޮތް ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް، އަންނަ ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިދިޔަ ދެ އަހަރު ވެސް ސަރުކާރުން ވަނީ ރޯދަ ހަދިޔާ ބަހައިފައެވެ.
ރޯދަ ހަދިޔާ ބެހުމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ޓާސްކު ފޯހުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު މިނިސްޓްރީގެ ރަށްވެހި މާލަމުގައި ބޭއްވި ޕްރެސް ބްރީފިންގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއަހަރުވެސް ރޯދަ ހަދިޔާ ބެހުން ކުރިއަށް ގެންދެވޭނެ ކަމަށާއި، ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ސަރުކާރުން ބަހާނީ ދިވެހި ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ކަމަށެވެ.
މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. އަދި ޓޯކަން ރަޖިސްޓްރޭޝަނަށް މިއަދު ހުޅުވާލައި، އަންނަ މަހުގެ 11 ގެ ނިޔަލަށް މަސްދަޅު ބަހައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މާލެ ފިޔަވައި ރަށްރަށާއި، ސިޓީތަކުގައި ގޭބިސީގެ ގޮތުގައި ބަލާފައިވާނީ ވަކިން ކައްކާކައިބޮއި ހަދާ ކޮންމެ ދިވެހި އާއިލާއެއް ކަމަށާއި، މާލެ ސަރަހައްދުގައި ކޮންމެ ޑޮމެސްޓިކް މީޓަރެއް ވަކި ގޭބިސީއެއްގެ ގޮތުގައި ބަލާފައިވާނެ ކަމަށެވެ.
މިނިސްޓްރީން ގޭބިސީ ލިސްޓް އެކުލަވާލި އިރު، ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ އަދަދަކީ 56,918 އެވެ. މާލެ ސަރަހައްދުގެ ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 އެވެ. އެހެންކަމުން މުޅި ޖުމުލަ ގޭބިސީގެ އަދަދަކީ 118,673 އެވެ.
މިނިސްޓަރު ވިދާޅުވީ ރަށްރަށާއި، ސިޓީތަކަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށްގެންދާނެ ކަމަށާއި، މާލެ ފިޔަވައި ރަށްރަށާއި ސިޓީތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ ކައުންސިލުތަކުން ކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ، އެކަމަށް ގާއިމުކުރާ މަރުކަޒުތަކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މާލެ ސަރަހައްދުގައި 15 މަރުކަޒެއް ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ. އެއީ މާލޭގައި އަށް މަރުކަޒު، ވިލިމާލޭގައި އެއް މަރުކަޒު އަދި ހުޅުމާލޭގައި ހަ މަރުކަޒެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
މާލެ؛
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯވިލު
- ހެންވޭރު ބޯޅަދަނޑު
- ގަލޮޅު ދަނޑުގެ ހަތަރު ހިސާބަކުން
ހުޅުމާލެ- ފޭސް 1؛
- އުމަރު ޒާހިރު ބިލްޑިން ޕޮލްކޯ ޓަވަރު ތިރި
- މުހައްމަދު ގާސިމް ޕްރީ ސްކޫލް
ހުޅުމާލެ ފޭސް 2؛
- ކާމިލުދީދީ ސްކޫލް
- ހިޔާޓަވަރު 10
- ވިނަރެސް ފްލެޓް
ވިލިމާލެ؛
- ވެމްކޯ ސައިޓް
ރޯދަ ހަދިޔާގެ ޑިސްޓްރިބިއުޝަނަށް ފުލުހުން ރޯދަހަދިޔާ ޕޯޓަލް https://roadhahadhiya.mv/dv ތައާރަފުކުރާނެއެވެ. ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. މަރުކަޒުތަކުން ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ 11 ގެ ނިޔަލަށެވެ.
މިނިސްޓަރު ވިދާޅުވީ އެކަން ކުރެވިގެންދަނީ ވަރަށް ގިނަ ފަރާތްތަކެއް ގުޅިގެން ކަމަށާއި މިފްކޯއިން ޕްރޮޑަކްޝަން މަސައްކަތްކޮށްދިން އިރު، އެސްޓީއޯއިން ވަނީ އެ މަސައްކަތުގެ ޓްރާންސްޕޯޓާއި ލޮޖިސްޓިކްސް ހަމަޖައްސައިދީފައި ކަމަށެވެ.
ރޯދަހަދިޔާ ބެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ، އެމްޑަބުލިޔުއެސްސީ އަދި މިފްކޯ ހަރަކާތްތެރިވާނެއެވެ. މަރުކަޒުތައް ގާއިމުކުރުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، މިފްކޯ، އެޗްޑީސީ އަދި ވެމްކޯ އިން ވަނީ މަސައްކަތްކޮށްފައެވެ.
މަސްދަޅުކޭސް ލިބުމުގައި މައްސަލައެއް ދިމާވެގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ވެއްޖެނަމަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖަކުން ހުށަހެޅޭނެއެވެ. އެކަމަށް ހާއްސަކޮށްފައިވާ ނަންބަރަކީ 7741446 އެވެ.



ގުޅުންހުރި
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި