މާނުގެ މައްޗަށް ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި 

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ހިފުމުގެ ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ޖުމްލަ ހަތް ދައުވާއެެއް ކޮށްފައިވާ އިރު، އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި އޭނާ 12 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 29 ގައި ހުކުމްކޮށްފައެވެ.

އަނެއް ފަސް ދައުވާގެ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔައީ ހުކުމް އިއްވުމަށް ތާވަލުކުރި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި މިއަދު ހުކުމްކޮށްފައިވަނީ މާނުގެ މައްޗަށް ކޮށްފައިވާ ފަސް ދުއުވާއެއް ސާބިތުނުވާ ކަމަށެވެ.

އެ ހުކުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކޮށްފައިވަނީ ގޭހުގެ އެމްޑީގެ މަގާމުގައި ހުންނެވި އިރު، އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38 (3.1 މިލިއަން) ރުފިޔާ ނެގި ކަމަށް ތުހުމަތުވާ މައްސަލައެއްގައެވެ.

އެ މައްސަލައިގައި މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ. އޭގެ އިތުރުން އެ މައްސަލައިގައި ހިމެނޭ 3.1 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށްވެސް ވަނީ ނިންމައިފައެވެ.