ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ހަތަރުވަނަ މެޗުން ވެސް މޮޅެއް، ރާއްޖެ ޗެމްޕިއަންކަމާ ގާތަށް 

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހަތަރުވަނަ މެޗު ވެސް ކާމިޔާބުކޮށް، ރާއްޖެއިން ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފިއެވެ.

މުބާރާތުގައި ރާއްޖެއިން މީގެ ކުރިން ކުޅުނު ތިން މެޗުގައި ވެސް ވަރުގަދަ ކުޅުމަކާއެކު ވަނީ މޮޅުވެފައެވެ. އެގޮތުން ޕާކިސްތާން އަތުން ބޮޑު ތަފާތަކުން 7-1 ގެ ނަތީޖާއަކުން މޮޅުވި އިރު، ދެވަނަ މެޗުގައި 6-1 ގެ ނަތީޖާއަކުން ބަންގުލަދޭޝް ވެސް ބަލިކުރިއެވެ. އަދި ތިންވަނަ މެޗުގައި އިންޑިއާ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

މިއަދު ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ނޭޕާލް ބަލިކޮށް، ރާއްޖެއިން ވަނީ ލީގު ތާވަލުގެ އެއްވަނައިގައި އިތުރަށް ހަމަޖެހިލައިފައެވެ. ކުޅުނު ހަތަރު މެޗުން ރާއްޖެއިން ވަނީ ނުވަ ޕޮއިންޓު ހޯދައިފައެވެ. ދެވަނައިގައި އޮތް ބަންގުލަދޭޝް އާއި ތިންވަނައިގައި އޮތް ޕާކިސްތާނަށް، އެއިން ކޮންމެ ޓީމަކަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނައިގައި ނޭޕާލް އޮތް އިރު، ފަސްވަނައިގައި އޮތް އިންޑިއާއަށް ތިން މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ލީގު ތާވަލުގެ ފުލުގައި އޮތް ސްރީ ލަންކާ އާއި ބޫޓާނަށް، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އޭގެ ތެރެއިން ލަންކާއިން ހަތަރު މެޗު ކުޅުނު އިރު، ބޫޓާނުން މިހާތަނަށް ކުޅުނީ ތިން މެޗެވެ.

މިއަދުގެ މެޗުގައި ގޯލުތައް ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ. ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވަނީސް، ރާއްޖެއަށް ލީޑު ލިބިގެންދިޔައީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

އޭގެ ފަހުން މުޅި މެޗުގައި ޑިފެންސިވް ގޭމެއް ކުޅެމުންދިޔަ ނޭޕާލުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ނޭޕާލުން އެ ގޯލު ކާމިޔާބުކުރީ ރާއްޖޭގެ ކުޅުންތެރިން ރަނގަޅަށް ނުވިސްނައި ހުއްޓައި، ހުސްކޮށް އޮތް ނޭޕާލް ކުޅުންތެރިޔަކަށް ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ރާއްޖެއަށް މެޗުގައި ތިން ޕޮއިންޓު ހޯދައިދިނީ މުބާރާތުގައި ގިނަ ގޯލުތަކެއް ޖަހާފައިވާ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ރާއްޖެއަށް ލިބުނު ހިލޭ ޖެހުމެއް، ނޭޕާލު ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ރާއްޖެއަށް މުބާރާތުގައި ދެން އޮތީ ބާކީ ދެ މެޗެވެ. އެއީ އަންނަ ހޮނިހިރު ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހޯމަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ތެރެއިން އެންމެ މެޗަކުން މޮޅުވިޔަސް، ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.