މޭޔަރު އާޒިމްގެ ތުހުމަތެއް: ވިޔަފާރި އުސޫލުން ހިންގަން ބުޅާ ފެސިލިޓީ ވަނީ ބަޔަކަށް ދޫކޮށްލާފައި!

ވިޔަފާރި އުސޫލުން ހިންގަން ބުޅާ ފެސިލިޓީ ސަރުކާރުން ބަޔަކަށް ދޫކޮށްލާފައިވާކަމުގެ ތުހުމަތު، މާލޭގެ މޭޔަރު އާދަމް އާޒިމް ކުރައްވައިފިއެވެ.

މާލޭގެ މަގުތަކުގައި ބުޅާތައް ގިނަވާކަމުގެ ޝަކުވާތައް އާންމުންގެ ގިނަ ބަޔަކު ކުރަމުންދާ އިރު، އެ މައްސަލަ ވަނީ މާލޭ ސިޓީ ކައުންސިލަށް ވެސް ހުށަހަޅައިފައެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގުމަތީގައި އުޅެމުންދާ ބުޅާތަކުން ރައްޔިތުންނަށް އެތައް އުނދަގުލެއް ވަމުންދާތީ ސިޓީ ކައުންސިލުން ވާނީ ބުޅާތައް ލެވޭނެ ތަނެއް ހަދާފައި ކަމަށާއި ނަމަވެސް އެތަން ވަނީ މި ސަރުކާރުން ގަދަކަމުން އަތުލާފައި ކަމަށެވެ.

”ރައްޔިތުންނަށް އުނދަގޫކުރަން ވެގެން ބުޅާތައް މަގުމައްޗަށް ދޫކޮށްލާފައިވަނީ. އެ ބުޅާ ފެސިލިޓީ ވަނީ މިހާރު މި ސަރުކާރުން ވިޔަފާރި އުސޫލުން ހިންގަން ދޫކޮށްފައި ކަމަށް މައުލޫމާތުު ލިބެނީ. މިއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް،“ މޭޔަރު ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ބުޅާތައް މަގުމަތިން ނަގައި ރައްޔިތުން ބުޅަލުގެ ނަޖިލުން ސަލާމަތްކޮށްދޭން އެނިމަލް ވެލްފެއާ މިނިސްޓްރީއަށް ގޮވާލާ ކަމަށާއި އެކަން ނުވާ ނަމަ، ކައުންސިލާ ހަވާލުކުރުމަށް އެދޭ ކަމަށެވެ. އަދި އަހަަރު ދުވަސްވީ އިރުވެސް ހައްލެއް ހޯދިފައިނުވުމަކީ ވަރަށް ބޮޑުވަރު ކަމަށް މޭޔަރު ވިދާޅުވިއެވެ.