ފުޓްސަލްގެ ދެކުނު އޭޝިއާގެ ރަސްކަން ރާއްޖެއަށް

މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ބާކީ މެޗެއް އޮއްވައި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދައިފި އެވެ.

ސާފް އިން މުޅިން އަލަށް ބާއްވާ މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ނޮންތަބުރީީ އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ފަހަތުން އަރައި ބޫޓާން 3-1 އިން ބަލިކޮށްގެންނެވެ.

މުބާރާތުގައި ރާއްޖޭން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކުރިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް ބަލިކުރީ 6-1 އިންނެވެ. ތިން ވަނަ މެޗުގައި އިންޑިއާ އަތުން 5-0 އިން މޮޅުވިއިރު، ހަތަރު ވަނަ މެޗުގައި ނޭޕާލް އަތުން މޮޅުވީ 2-1 އިންނެވެ.

ރާއްޖޭން ފަހު މެޗުގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ ބޫޓާނުންނެވެ. ރާއްޖޭގެ ހުރިހާ ކުޅުންތެރިން ކުރިއަށް އަރައި އެޓޭކަށް މަސައްކަތް ކުރަމުން ދަނިކޮށް، ހުސްކޮށް ލިބުނު ބޯޅައަކުން ބޫޓާނަށް ލީޑު ހޯދައިދިނީނިމާ ޖިގްމޭ ޝަލްޓްރިމް އެވެ. މި ގޯލު ޖެހި އިރު، ރާއްޖޭގެ އަހުމަދު ހަމީދު (އައްމަޑޭ) އޮތީ އަނިޔާވެގެން ދަނޑުބޭރުގައި ވެއްޓިފަ އެވެ.

މި ގޯލާއެކު ރާއްޖެއިން އަވަސް އަވަހަށް ބަދަލުތަކެއް ގެނެސް އެޓޭކުގައި ގިނަ ބޯޅަތަކެއް ކުޅެން ފެށި އެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެއިން ނަތީޖާ ހަމަހަމަކުރުމެވެ. ރީތި ކުޅުމަކަށްފަހު ރާއްޖެއަށް އެ ގޯލު ކާމިޔާބު ކޮށްދިނީ ހުސެއިން ޝަރީފް (އޮންލީ) އޭރިއާ ބޭރުން ދިން ބޯޅައަކުން، އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރުމާއެކު ބޫޓާނުގެ ފަރާތުން ފެނުނީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ކުޅެމުންދިޔަ ތަނެވެ. ނަމަވެސް ރާއްޖެއިން ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ހޯދި އެވެ. ގޯލު ކައިރިން ލިބުނު ހިލޭ ޖެހުމަކުން ރާއްޖެއަށް ލީޑު ނަގައިދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

ދެވަނަ ހާފު ނިމެން ދަނިކޮށް ރާއްޖެއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ރާއްޖެއަށް އެ ގޯލު ޖަހައިދިނީ މިހާތަނަށް ހުރިހާ މެޗެއްގައިވެސް ގޯލެއް ޖެހި ކެޕްޓަން އިބްރާހިމް އިމްރާން (އިންމި) އެވެ.