އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ޖުމްލަ 1700 އަށްވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ބުނީ ކައުންސިލުތަކާއި ޑަބްލިޔުޑީސީ އިންތިހާބުގައި ވާދަކުރަން މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް 1744 ފޯމު ލިބިފައިވާ ކަމަށެވެ.
ކައުންސިލް އިންތިހާބަށް ހުށަހެޅި 750 މީހެއްގެ ކެންޑިޑެސީ ގަބޫލުކުރި އިރު، 113 މީހެއްގެ ކެންޑިޑެސީ ގަބޫލެއް ނުކުރެއެވެ. ކެންޑިޑެސީ ގަބޫލުނުކުރާ ފޯމުތަކުގެ ތެރެއިން 77 ފޯމު ވަނީ އަލުން ހުށަހަޅައިފައެވެ.
ޑަބްލިޔުޑީސީ އިންތިހާބަށް ހުށަހެޅި 574 މީހެއްގެ ކެންޑިޑެސީ ގަބޫލުކުރި އިރު، 126 މީހެއްގެ ކެންޑިޑެސީ ގަބޫލެއް ނުކުރެއެވެ. ކެންޑިޑެސީ ގަބޫލުނުކުރާ ފޯމުތަކުގެ ތެރެއިން 34 ފޯމު ވަނީ އަލުން ހުށަހަޅައިފައެވެ.
ލޯކަލް ކައުންސިލްތަކާއި ޑަބްލިޔުޑީސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ 17 ގައެވެ. އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 3:30 އާ ހަމައަށް އީސީން ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.
މިމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެފައިވަނީ މިފަހަރުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް އެ މީހަކު އަމިއްލައަށް އެމީހެއްގެ އީފާސް ލޮގިން މެދުވެރިކޮށް ކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް 50 މީހުންގެ ތާއީދު އޮތްތޯ ބެލުމުގެ ބައި ފުރިހަމަކުރުމަށް ވަކިން ބައެއް އަންނާނެ ކަމަށާއި ޕާޓީގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓްގެ ފޯރު ފުރިހަމަ ކުރެވޭނީ ސިމަދަ ޕޯޓަލް މެދުވެރިކޮށް، އެ މީހަކީ އެ ޕާޓީގެ ކެންޑިޑޭޓެެއް ކަމަށް އެ ޕާޓީން އެކްސެޕްޓް ކުރުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް 678 މެންބަރުންނެވެ.
އެ އިންތިހާބުގައި ޖުމުލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.



ގުޅުންހުރި
ލޯކަލް ކައުންސިލު އިންތިހާބަށް އީސީން ޓިކްޓޮކް މުބާރާތެއް
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި