Search
Close this search box.

މަގުސަދަކީ ބޯހިޔާވަހިކަމުން މުދާ އެއްކުރުމެއް ނޫން، އިސްކަންދޭން ޖެހޭނީ ގޮދޮރު ނެތް މީހުންނަށް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަގުސަދަކީ މުދާ އެއްކުރުން ނޫން ކަމަށާއި އިސްކަންދޭން ޖެހޭނީ އެއްވެސް ގެދޮރެއް ނެތް މީހުންނަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

”ބޯހިޔާވަހިކަން އެންމެނަށް“ ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރާ އިރު، ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ނަމުގައި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް އޮތް ނަމަ ޝަރުތު ހަމަނުވާ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ އިރު، ”ލިންކްޑްއިން“ އިން ކުރެއްވި ޕޯސްޓެއްގައި އެ ކަންކަމަށް ވަރަށް ތަފްސީލީ ގޮތެއްގައި މިނިސްޓަރު ވަނީ ޖަވާބުދެއްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމަކީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އަޅައިދޭ ބިންގަލެއް ކަމަށާއި އެގޮތަށް ކަނޑައަޅާފައިވާނީ އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ވާތީ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އޮންނަނީ އެއްވެސް އާއިލާއެއް ކަރާމާތްތެރި އަދި ހަމަޖެހޭ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ އަސާސީ ބިނާއަކުން މަހްރޫމް ނުވާނެކަން ކަށަވަރުކުރުމަށް ކަމަށާއި ބޯހިޔާވަހިކަމަކީ އިތުރުކުރަން އޮންނަ ”ބޯނަސް“ އެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އިސްކަންދެނީ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ނިކަމެތިކަން ތަހައްމަލު ކުރާ ފަރާތްތައް އެންމެ ފުރަތަމަ ސަލާމަތްކުރުމުގެ ގޮތުން ކަމަށާއި ވަސީލަތްތައް މަދު ހާލަތެއްގައި، އިސްކަންދޭނެ ތަރުތީބެއް ކަނޑައެޅުމަކީ ތަފާތުކުރުން ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަގުސަދަކީ މުދާ އެއްކުރުމުގެ ބަދަލުގައި، ގޭބިސީތަކަށް ހަމަޖެހުން ހޯދައިދިނުން ކަމަށާއި ޝަރުތުތަކާ ގުޅޭ އެ އުސޫލުތަކަކީ ޑިމާންޑު ބަދަލުވަމުންދާ މިންވަރުން ބަދަލުވާނޭ އުސޫލުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.