’ރާޔާ މާލެ‘ ކިޔާ އެކައުންޓަކުން ގަހަނާ ވިއްކުމުގެ ނަމުގައި، އިންޓަނެޓު ބޭންކިންގެ މައުލޫމާތު ހޯދަމުންގެންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ރޭ ބުނީ އެ ވެބްސައިޓަކީ ކާޑުގެ މައުލޫމާތުގެ އިތުރުން އިންޓަނެޓް ބޭންކިން ކްރެޑެންޝިއަލް ވަގަށް ނެގުމަށް ހިންގަމުން އަންނަ ސްކޭމެއް ކަމަށެވެ.
އެގޮތުން އެ އެކައުންޓުން ކްލޯޝާ ސޭލްއެއްގެ ނަމުގައި 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދީގެން ކަސްޓަމަރުން ހޯދަމުންދާ ކަމަށާއި އެ މައުލޫމާތު ބޭނުންކޮށްގެން ސްކޭމަރުން އިންޓަނެޓް ބޭންކިނަށް ވަދެ، އެކައުންޓުގައި ހުރި ފައިސާ ފޭރިގަންނަން މަސައްކަތްކުރާކަން ފާހަގަވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ، ބޭންކަށް ވަނުމަށް އެއްވެސް ވެބްސައިޓެއްގައި ދީފައިވާ ލިންކަކަށް ނުފިއްތުމަށް އެދިފަ އެވެ. އަދި އޯޓީޕީ އަކީ އެކައުންޓުން ފައިސާ ފޮނުވުމަށް ދެވޭ ކޮޅުކަން ހަނދާން ކުރުމަށާއި އެއްވެސް ލިންކެއްގައި OTP ނުޖެހުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.
އެ ވެބްސައިޓުގައި މައުލޫމާތު ޖެހިފައިވާނަމަ، ލަސްނުކޮށް ބޭންކަށް ގުޅައި އެކައުންޓް އަދި ކާޑު ބްލޮކް ކުރުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިފައިވެ އެވެ.


