ރެޔާއި ދުވާލު ރައްޔިތުންނަށް މަސައްކަތްކޮށްދެއްވާ ވެރިޔަކަށް ބޭނުންފުޅުވަނީ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލަރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ ޖަހަގަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމުގެ ވިސްނުމުގައި އަންނަ ނަމަ، އެކަމުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށެވެ.
”މިފަދަ ވެރިއެއް ވަކި ސިޔާސަތުތަކަކާއެކު އެކީގައި އައިސް ރައްޔިތުންނަށް އެތައް މަސައްކަތެއް ކޮށްދިނުމަށް ރެޔާއި ދުވާލު ނުނިދާ މިއަދުވެސް މަސައްކަތްކުރައްވަމުންދާ ވެރިޔަކާ އެކީގައި މަސައްކަތްކުރާނެ ކައުންސިލަރުންތަކެއް، ޑަބްލިޔުޑީސީއެއް، މޭޔަރެއް ހުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް،“ މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ ސަރުކާރު ދަނީ ރަނގަޅު ސިޔާސަތަކަށްކަން ކޮންމެ މީހަކަށް ވެސް އެބަ އެނގޭ ކަމަށާއި ބޭނުންވަނީ ކިޔަވައިގެން ތިބި ރާއްޖޭގައި ރަނގަޅަށް މަސައްކަތްކުރެވޭނެ ސިޔާސީ ބައެއް ނުކުންނަން ކަމަށެވެ.
އިޖުތިމާއީ އެތައް ގޮންޖެހުންތަކެއް އޮތް ގައުމެއްގައި ވަރަށް އުނދަގޫ ނިންމުންތަކެއް ނިންމަވަމުން ރައީސް ވަޑައިގަންނަވާ އިރު، އެ ސަރުކާރަކަށް އެއްބާރުލުންދޭނެ ބަޔަކު ނުހޮވައިފި ނަމަ، އޭގެ ގެއްލުން ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.


