ބޮޑު ޗުއްޓީއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ސަރުކާރުގެ 219 ސްކޫލެއްގެ ކިޔެވުން މިއަދު ފެށިއިރު، ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް މި އަހަރު 80،715 ދަރިވަރުން ތައުލީމު ހާސިލުކުރާނެއެވެ. އަދި 9،952 ޓީޗަރަކު ކިޔަވައިދޭނެ އެވެ
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި މިއަހަރު ގްރޭޑް އެކެއްގައި ކިޔެވުމަށް 4،790 ދަރިވަރުންވަނީ ސަރުކާރު ސްކޫލްތަކުގައި އެދިފައެވެ.
އޭގެ ތެރެއިން 3،042 ދަރިވަރުންނަކީ އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ. އަދި 1،748 ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ.
އަތޮޅު ތެރެއިން މިއަހަރު މާލެއަށް 1،530 ދަރިވަރުން ބަދަލުވިއިރު، އޭގެ ތެރެއިން ހުޅުމާލެއަށް 836 ދަރިވަރުން ބަދަލުވެފައިވެ އެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ މިޑް ބްރޭކް ލިބޭނީ މެއި 24 އިން 30 އަށެވެ. ފުރަތަމަ ޓާމު ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓު 1 އަށެވެ.



