ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކުރުމަށް އަދި ކެޓަގަރީއަށް ނަގާ ފީ ކުޑަކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކުރުމަށް އަދި ކެޓަގަރީއަށް ނަގާ ފީ ކުޑަކުރަން ނިންމާފައިވާކަން އެމްއެފްޑީއޭ އިން މިއަދު ވަނީ އިއުލާންކޮށްފައެވެ.
އެމްއެފްޑީއޭ އިން ނެރުނު އިއުލާނުގައި ބުނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރަން އަމަލުކުރަމުން އަންނަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް، ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އިންތިގާލީ އުސޫލުގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީ ކުރުމުގައި އެ އޮތޯރިޓީން ނަގަމުންދާ ރަޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކުރުމަށް އަދި ކެޓަގަރީއަށް ނަގާ ފީތައް 50 ޕަސަންޓަށް ކުޑަކުރަން ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ ބަދަލު ގެނައުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.



