އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން ”ރައްކާ 2026“ ކުރިއަށް ގެންދިއުމަށްޓަކައި އެލައިޑް އިންޝުއަރެންސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެލައިޑް އިންޝުއަރަންސްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައެވެ. މި ޕްރެސް ކޮންފަރެންސްގައި އެލައިޑުން ވަނީ 2025 ވަނަ އަހަރު ކުންފުނިން ހޯދި ބޮޑެތި ކާމިޔާބީތައް ފާހަގަކޮށް، 2026 ވަނަ އަހަރަށް ކުންފުނިން ކަނޑައަޅާފައިވާ ކަންތައްތައް ހިއްސާކޮށްފަ އެވެ.

ރައްކާ 2026 ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.

ރައްކާ ކެމްޕޭނަކީ 2014 ވަނަ އަހަރުން ފެށިގެން ފުލުހުންނާ ގުޅިގެން އެލައިޑުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. އެލައިޑުން ބުނި ގޮތުގައި މި ޕާޓްނަޝިޕަކީ މުޖުތަމައުގެ ރައްކާތެރިކަމާއި އިޖުތިމާއީ ޒިންމާ އަދާކުރުމުގައި އެ ކުންފުނިން ދަމަހައްޓަމުން އަންނަ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

އަދި މިއީ މަގުމަތީގެ ރައްކާތެރިކަމާއި މުޖުތަމައުގެ ލާބައަށް މި ކުންފުނިން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ މަސައްކަތެއް ކަމަށްވެސް އެލައިޑުން ބުނެ އެވެ.