ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައަކީ ގައުމީ މައްސަލައެއް ކަމަށާއި އެއީ ސަރުކާރަށް އެކަނި ހައްލުވާނެ މައްސަލައެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ދިވެހިންނަށް އަނބުރާ ދެއްކުން ނުކުޅަދާނަ މިންވަރުގެ ބޮޑު އިންޓްރެސްޓުގައި ދަރަނި ނަގައި، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ދަރަނި ދެއްކުން ކަމަށްވީމާ މި ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައިވާކަން ސާފު ކަމަށެވެ.
”ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ ކަމެއް ނޫން. އެއީ މިހާރު ގައުމީ މައްސަލައެއް،“ ނަޝީދު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގައި ދަރަނި ނަގަމުންދިއުމާ ގުޅިގެން ވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހުންނަވައިގެން ވެސް ރައީސް ނަޝީދު ވަނީ އެކަމާ ދެކޮޅަށް ވާހަކަފުޅުދައްކަވައިފައެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު ވެސް އެންމެ ބޮޑަށް ދައްކާފައިވާ ވާހަކައަކީ ރާއްޖޭގެ ދަރަނީގެ ހާލަތެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާ ގުޅިގެން މިހާރު އެ އަނދަވަޅުން އަރައިގަނެވިފައިވާ ކަމަށް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.



